މަސްތުވާތަކެތި

ޑްރަގު އެތެރެކުރި ލަންކާ މީހުންގެ ބަންދަށް ދެވަނަ ފަހަރުވެސް 30 ދުވަސް

ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި ސްރީލަންކާގެ މަސް ބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހދ. މަކުނުދޫ ބޭރުން މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި އަތުލައިގަނެވުނު މި ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުންނެވެ.

އެމްއެންޑީއެފް އިން ބޯޓު އަތުލައިގަނެ ހދ. ކުޅުދުއްފުށި ބަނދަރަށް މި ބޯޓު ގެންދިޔައީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު އެެވެ.

ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި މި މީހުން ބަންދުކޮށްފައި ތިބިއިރު މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ހދ. މެޖިސްޓްރޭޓް ކޯޓަށް އެންމެ ފުރަތަމަ ހާޒިރުކުރުމުން މި އެންމެންގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ދިނީ 30 ދުވަހެވެ. އެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަލުން ކޯޓުން ހާޒިރުކުރުމުން ކޯޓުން ވަނީ މި އެންމެންގެ ބަންދަށް ދެވަނަ ފަހަރަށްވެސް 30 ދުވަސް ދީފަ އެވެ.

ލަންކާ މީހުންގެ ވަނަވަރު

  • ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އ)
  • މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރު (22 އ)
  • ޗަމޮދް ދިވަންގާ ދިލަކާވަ (22 އ)
  • ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އ)
  • ލޮރެންސު ހޭވާގީ ސަރަތު (56 އ)

މަސްތުވާތަކެތި އަތުލައިގަތުމަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މީގެކުރިން ވިދާޅުވީ ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޕްރެލިމިނަރީ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން 344 ކިލޯއަކީ މެތު އަދި 124.6 ކިލޯ އަކީ ކޮކެއިން ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އަތުލައިގެން މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

މިމައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާތީ ބޯޓުގައި ހުރި މަސްތުވާތަކެއްޗާއި އެއްވެސް ދިވެއްސަކާ ގުޅުމެއްވާކަން ތަހުގީގުގެ މި މަރުހަލާގައި އަދި ދަންނަވަން ދަތި ކަމަށްވެސް ސީޕީ ވަނީ މައުލޫމާތު ދެއްވާފަ އެވެ.