- އެ މައްސަލަ ދިމާވީ އިމިގްރޭޝަންގެ ސިސްޓަމާ ހެދި
- ފައިސާ ބަލަހައްޓާ ނިޒާމު ވަރުގަދަ ކުރަން ޖެހޭ
- ހަތަރު މިލިއަން ރުފިޔާ މަދު ކަމަށް ދައްކާ
ރާއްޖެއަށް ގެނައި ބިދޭސީންގެ ޑިޕޮޒިޓް ފައިސާގެ ގޮތުގައި އިމިގްރޭޝަންސްގައި ބަހައްޓާ ފައިސާ އެ އިދާރާއިން ބެލެހެއްޓުމުގައި ބޮޑެތި އޮޅުން ތަކެއް ހުރި ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީއާ އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ޑިޕޮޒިޓް ފައިސާގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީބަޔާންތަކުގައި ހިމަނާފައިވާ އަދަދު ދިމާނުވާ މައްސަލައެއް އޮޑިޓަށް ފާހަގަވެފައިވާ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެންނަން ވަޒީފާދޭ ފަރާތްތަކުން އިމިގްރޭޝަންގައި ބަހައްޓާ ފައިސާ އަކީ ބިދޭސީ މީހާ އެއްވެސް މައްސަލައެއް ނުޖެހި ރާއްޖެއިން ފުރައިފިނަމަ އަނބުރާ ރައްދުކުރަންޖެހޭ ފައިސާއަކަށް ވީނަމަވެސް އެފައިސާގެ ކަންކަން ފުރިހަމަޔަށް ބަލަހައްޓަމުން ގޮސްފައި ނުވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ޑިޕޮޒިޓް ފައިސާގެ ބާކީގެ ގޮތުގައި 2014 ވަނަ އަހަރު ފެށިގެން އައިއިރު ހުރި ސައްހަ އަދަދު އެ ޑިޕާޓްމަންޓްގެ ރިކޯޑްތަކުން އެނގެން ނެތްކަން ފާހަގަކޮށްފައިވެ އެވެ.
"އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މާލީ ބަޔާންތަކުގައި ޑިޕޮޒިޓް ފައިސާގެ ބާކީގެ ގޮތުގައި ހިމަނާފައިވާ 171،715،620ރ (ސަތޭކަ ހަތްދިހަ އެއް މިލިއަން ހަތްސަތޭކަ ފަނަރަ ހާސް ހަސަތޭކަ ވިހި) ރުފިޔާގެ ސައްހަކަން ކަށަވަރުކުރެވެން ނެތްކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ، އިމިގްރޭޝަނުން 2014 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ތެރޭގައި ހިމެނޭ "ފައިސާ ލިބުނު ގޮތާއި ހޭދަކުރެވޭ ގޮތުގެ ބަޔާން" ގައި އެ އަހަރު ޑިޕޮޒިޓް ފައިސާގެ ގޮތުގައި ލިބިފައިވާ ކަމަށް ބުނެފައި ވަނީ 246.4 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ބިދޭސީންގެ ވިސާ މުއާމަލާތްތއް ބަލަހައްޓާ ސިސްޓަމްގައި އެ އަހަރު ޑިޕޮޒިޓްގެ ގޮތުގައި ރިކޯޑްކޮށްފައިވަނީ 241.5 މިލިއަން ރުފިޔާ، ހަތަރު މިލިއަން ރުފިޔާ މަދުން ކަމަށެވެ.
އެމައްސަލަ އެގޮތަށް ދިމާވެފައިވަނީ އޮންލައިން ސިސްޓަމުން ބަލައިގަންނަ ފައިސާ ލިބުނު ކަމަށް ބައެއްފަހަރު ސިސްޓަމުން ނުދައްކާތީ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލަ ތަކުރާރު ވިޔަ ނުދިނުމަށް ފައިސާ ބަލައިގަންނަ ސިސްޓަމްތަކުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް ހިސާބު ބެލެހެއްޓުމުގެ ކަންކަން އިސްލާހުކޮށް ގަވާއިދުން ރިކޮންސައިލް ކުރުމަށް އޮޑިޓާ ޖެނަރަލް ވަނީ އެޑިޕާޓްމަންޓަށް ލަފާދެއްވާފަ އެވެ.