ހަބަރު

ރާއްޖެ އިޝްތިހާރުކުރަން އިންޑިއާގެ ތިން ސިޓީއެއްގައި ރޯޑް ޝޯ ބާއްވަނީ!

ރާއްޖޭގެ ޓްއަރިޒަމް އިންޑިއާގައި އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިސްނަގައިގެން އިންޑިއާގެ ތިން ސިޓީއެއްގައި ރޯޑްޝޯ ތަކެއް ބާއްވަން ނިންމައިފި އެވެ.

މިއަހަރު ރޯޑްޝޯ ބާއްވަން ނިންމާފައިވަނީ އިންޑިއާގެ ޗަންޑިގަރް އާއި ލަކްނޯ، ޕޫނޭ އަދި ހައިދްރަބާދް ގައެވެ. އިއްޔެ ފެށި އެ ހަރަކާތްތައް މިމަހުގެ 20 ވަނަ ދުވަހާ ހަމަޔަށް އެ ސިޓީތަކުގައި ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ.

އެމްއެމްޕީއާރްސީން ބުނީ، ރޯޑްޝޯ ތައް އިންޑިއާގައި ބާއްވާ މައިގަނޑު އެއް ސަބަބަކީ ރާއްޖެ ޕްރޮމޯޓްކުރުން ކަމަށެވެ. އެގޮތުން އެ ހަރަކާތްތަކުގައި ރާއްޖެއާ ބެހޭގޮތުން އިންޑިއާގެ މީހުންނަށާއި ވިޔަފާރިވެރިންނަށާއި އިންޑިއާއަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ރާއްޖެއާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. މި ހަރަކާތްތަކަކީ ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިން ވަރަށް ބޮޑު ތަން އިތުރުވެގެންދާޏެ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަވަނާގައި އޮތް އިންޑިއާގައި، ރާއްޖެ ޕްރޮމޯޓްކުރުމަށް މިދޔަ އަހަރުވެސް ވަނީ ރޯޑްޝޯ ތަކެއް ބާއްވާފަ އެވެ. އެގޮތުން އިންޑިއާގެ މުމްބައި، ދެއްލީ ކޮލްކަތާ ފަދަ ތަންތަނުގައި ވެސް ރޯޑްޝޯ ބޭއްވި އެވެ.

މި ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެމްއެމްޕީއާރްސީއާއި ގުޅިގެން މަސައްކަތްކުރާ ޕާޓްނަރުންނަކީ ދުސިޓް ތާނީ، އަދާރަން ރިސޯޓް، ސަން ޝިޔާމް ރިސޯޓްސްގެ އިތުރުން ޓްރެވެލާސް ސްޓްރީޓްގެ އިތުރުން ބީޗް ރިސޯޓްސް އެވެ.