ހަބަރު

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ފިނޭންސުން ބައިވެރިވެއްޖެ

ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހައްޖަށާއި އުމްރާއަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެކުލަވާލާފައިވާ ސްކީމުގައި ފިނޭންސް މިނިސްޓްރީން ބައިވެރިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އެ ޕެކޭޖްގައި ބައިވެރިވެފައިވާއިރު ސަރުކާރުގެ 11 އޮފީހަކުން މިހާރުވެސް އެ ސްކީމުގައި ވަނީ ބައިވެރިވެފަ އެވެ. ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމަކީ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައްޖާއި އުމްރާއަށް ދާން ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ ސްކީމެކެވެ.

އެ ސްކީމުގައި ބައިވެރިވުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސުން ސްކީމުގައި ބައިވެރިވި ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޖިހާދެވެ. ހައްޖުކޯޕަރޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓާ ޔާމީން އިދްރީސް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، ސްކީމުގައި ފިނޭންސުން ބައިވެރިވުމަށް ނިންމީ ހައްޖަށާއި އުމްރާއަށް ދިއުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދުނުމުގެ އުންމީދުގައި ކަމަށެވެ. ހައްޖާއި އުމްރާއަކީ ވާޖިބު އަޅުކަމަކަށް ވީ ނަމަވެސް، އާދައިގެ ވަޒީފާތަކުގައި އުޅޭ ބައެއް މީހުންނަށް ފައިސާގެ ދަތިކަމާ ހުރެ އެ ފުރުސަތު ގިނަ ފަހަރަށް ނުލިބިފައި އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކިތަންމެ މަދުން ލިބޭ މީހާއަށްވެސް މި ސްކީމުގައި ބައިވެރިވުމުގެ ސަބަބުން ކުޑަ މިންވަރެއް ނަމަވެސް އެކަމަށް ރައްކާކުރުމަށް މަގުފަހިވާ ކަމަށެވެ. އެހެންކަމުން މި ފުރުސަތަކީ މުވައްޒަފުންނަށް ލިބޭނެ ވަރަށް އަގުހުރި ފުރުސަތެއް ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އެންމެ ހެޔޮވެގެންވާ ހައްޖަކީ ބުރަ މަސައްކަތުން ހޯދާ ފައިސާއިން އެމީހަކު ކުރާ ހައްޖު. މި ސްކީމުގައި ބައިވެރިވެގެން ރައްކާކުރާ ކޮންމެ ފައިސާފޮއްޗަކީ ހައްޖުގެ އަޅުކަަމަށް އެދިގެން ރައްކާކުރާ އެއްޗެއް. އެހެންކަމަށްވާނަމަ މި ފައިސާ ޖަމާކޮށްކޮށް ހުއްޓާ މަރުވެގެން ދިޔަ ނަމަވެސް އެ ސަވާބު އެމީހަކަށް އެބަ ލިބޭ. އަޅުގަނޑު އެދެނީ ފިނޭންސްގެ ހުރިހާ މުވައްޒަފުންވެސް ހައްޖަށް ދާން މިއަދުން ފެށިގެން ނިޔަތްގަތުމަށް،" ޖިހާދު ވިދާޅުވި އެވެ.

މި ސްކީމުގައި ފިނޭންސުން މިއަދު ބައިވެރިވުމާއެކު ކޮންމެ މުވައްޒަފަކަށްވެސް އިސްލާމިކް ބޭންކުގައި ސޭވިން އެކައުންޓެއް ހުޅުވޭނެ އެވެ. އެކައުންޓަށް ފުރަތަމަ ލާންޖެހެނީ 500ރ. އެވެ. ނަމަވެސް އޭގެ ފަހުން އެ މުވައްޒަފަކު ބޭނުން އަދަދެއް ޖަމާކުރެވޭނެ އެވެ.

ހައްޖުކޯޕަރޭޝަންގެ އެމްޑީ ޔާމީން ވިދާޅުވީ، ސްކީމުގެ ދަށުން ހުޅުވާ އެކައުންޓަށް ފައިސާ ލާންޖެހޭނީ އެމީހަކަށް ވާވަރަކުން ކަމަށެވެ. ސްކީމުގައި ބައިވެރިވެފައިވާ އަނބި ދަރިންނަށް ވެސް ސްކީމުގެ ތެރެއިން ފައިސާ ދެއްކޭނެ ކަމަށާއި، ބޭނުންނަމަ، ސްކީމުން ބޭރުންވެސް ފައިސާ ދެއްކޭނެ ކަމަށެވެ. ފައިސާ ދައްކަމުން ގޮސް ފައިސާ ނުދެއްކޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެމީހެއްގެ ފައިސާ އެމީހަކާ ހަވާލުކުރެވޭނެ ކަމަށެވެ. އަދި މަރުފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ހާލަތެއްގައި ފައިސާދޭން އެމީހަކު ފޯމުގައި އެދޭ ފަރާތާއި ފައިސާ ހަވާލުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ސްކީމުގެ ބޭނުންކުރުމަކީ ވަރަށް ބޮޑަށް އެދޭ އެދުމެއް ކަމަށެވެ.

"މުވައްޒަފަކަށް މި ދޫކޮށްލަނީ އެ މުވައްޒަފަކު ބޭނުން އަދަދެއް ޖަމާކުރުމަށް. އެއީ މަހަކު 100ރ. ޖަމާކުރުން ކަމަށް ވިޔަސް އޭގައި މައްސަލައެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.