ހަބަރު

އާ އިމާރާތް އެޅުމަށް ފިނޭންސްގެ ބައެއް ސެކްޝަންތައް އެކި ތަންތަނަށް ބަދަލުކުރަނީ

ފިނޭންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަށް އެ މިނިސްޓްރީގެ ބައެއް ސެކްޝަންތައް އެކި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ބައެއް ސެކްޝަންތަކުގެ މުވައްޒަފުން ބަދަލުކުރަން ފަށާފައިވާތީ ޖާގައިގެ ދަތިކަމާ އެނޫންވެސް ދަތިތައް ދުވަސްކޮޅަކަށް މުވައްޒަފުންނަށް ދިމާވާނެ ކަމަށާއި ނަމަވެސް އެކަމަށް ކެތްތެރިވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ބަދަލުކުރާ ބައެއް ސެކްޝަންތައް އެ މިނިސްޓްރީގެ މައި އިމާރާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާ އިމާރާތް ބިންގާއެޅުމަށް ތައްޔާރުވަމުންދާތީ ބައެއް މުވައްޒަފުން ބަދަލުކުރަމުންދާތީ ތަކުލީފުތައް ދިމާވާނެ، ނަމަވެސް އެކަމަށް ކެތްތެރިވުމަށް އެދި އިމާރާތް އެޅުމަށްޓަކައި ކޮށްދެވެން ހުރި މަސައްކަތްތައް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ މިހާރުވެސް ހިންގަމުންދާ ބިމުގައި އަޅަން ނިންމާފައިވަނީ 25 ބުރީގެ އިމާރާތެކެވެ. އެ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏަކާއެވެ. އެ އިމާރާތް އެޅުމަށް 123 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ. ކޮންޓްރެކްޓަރުގެ ހަރަދުގައި ހަދާ އެ އިމާރާތަށް ވާ ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 23 އަހަރުގެ މުއްދަތެކެވެ.