ހަބަރު

ތިނަދޫގެ ޓީޗަރުން ކޮރަޕްޝަނަށް ހޭލުންތެރިކޮށްފި

ސްކޫލްކުދިންގެ ކިބައިގައި ނަޒާހާތްތެރިކަމުގެ އާދަ އަށަގެންނެވުމުގެ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ "އިންޓެގްރިޓީ ފޮ ޓީޗާސް" ޕްރޮގްރާމް ތިނަދޫގެ ގިނަ އަދަދެއްގެ ޓީޗަރުން ހިމަނައިގެން އެރަށުގައި ބާއްވައިފި އެވެ.

އޭސީސީން ބުނީ، އެ ޕްރޮގްރާމް ހިންގާފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގދ. އަދި ގއ. ސްކޫލްތަކުގެ ފައިސާއާއިބެހޭ މުވައްޒަފުންނަށް ހިންގި “ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމް”ގެ ތެރެއިން ކަމަށެވެ. ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެ ވޯކްޝޮޕްގައި ގދ. އަދި ގއ. ގެ ސްކޫލްތަކުން 42 މުވައްޒަފުން ބައިވެރިވި ކަމަށެވެ.

އިންޓެގްރިޓީ ފޯ ޓީޗާސް ޕްރޮގްރާމުގައި ތިނަދޫގެ 37 މުވައްޒަފަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކުރިއެވެ. އެ ޕްރޮގްރާމުގައި ނަޒާހަތްތެރި ދަރިވަރުންތަކެއް ބިނާކުރުމަށް މުދައްރިސުންގެ ދައުރު އަދާކުރާނެ ގޮތް ބައިވެރިންނަށް ބުނެދިން ކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރުންވެސް އޭސީސީން ވަނީ އެކަޑެމިކް އިންޓެގްރިޓީ އާ ބެހޭގޮތުން ތިނަދޫގެ ދަރިވަރުންނަށް ވެސް ދެ ސެޝަނެއް ނަގައިދީފަ އެވެ. އިއްޔެ ބޭއްވި އެ ސެޝަންތަކުގައި އެރަށުން 99 ދަރިވަރުން ބައިވެރިވިކަމަށް އޭސީސީން ބުންޏެވެ.