އެސްޓީއޯ

ޖޫން ހަތަރުވަނަ ދުވަހު އެސްޓީއޯގެ އޭޖީއެމް ކުރުނބާގައި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެނުއަލް ޖެނަރަލް މީޓިން (އޭޖީއެމް) އަންނަ މަހު ހަތަރުވަނަ ދުވަހުހ ބާއްވަން ނިންމައިފި އެވެ. މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ކުރުނބާ މޯލްޑިވްސް ގަ އެވެ.

މިއަދު އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަހީރު ވިދާޅުވީ މިފަހަރުގެ އޭޖީއެމްގެ ރަޖިސްޓްރޭޝަން ވެސް ކުރިއަށް ގެންދާނީ ތަފާތު ގޮތަކަށް ކަމަށާއި އެކަން ވާނީ ހިއްސާދާރުންނަށް ފަސޭހަ ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންޏާ ރަޖިސްޓްރޭޝަން ކުރިއަށް މި ގެންދަނީ ޖަލްސާ ފެށުމުގެ އެއް ގަޑިއިރު ކުރިން ގޮސްގެން. އެހެން ވީމަ އުނދަގޫ އެބަވޭ. އެހެން ވީމަ މިފަހަރު ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން ނިންމާފައި މިވަނީ މިމަހު 20 އިން ފެށިގެން. ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ފެށިގެން ހަތަރަކާއި ހަމައަށް ރަޖިސްޓްރީ ކުރެވޭނެ" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ އޭޖީއެމް އެންމެ ލަސްކުރެވޭނެ ތާރީހަކީ މިމަހުގެ 30 އަށް ވިޔަސް މިފަހަރު ހަތަރު ދުވަސް ފަހުން ބާއްވަން ނިންމާފަ އެވެ. އެއީ ހިސާބުތައް އެކުލަވާލުމުގައި ލަސްތަކެއް ދިމާވެ، ޖަލްސާ އަންނަ މަހަށް ފަސްކުރަން ޖެހުނީ އެވެ.

މި ފަހަރު އެސްޓީއޯގެ ހިއްސާއަކަށް ބަހަން ނިންމާފައިވަނީ 57 ރުފިޔާ އެވެ. އެ އަދަދު ބަހަން ފާސްވާނީ އާންމު ޖަލްސާގައި ވޯޓަށް އަހައި އަގުލަބިއްޔަތުން ފާސްވުމުންނެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ، 520 މިލިއަން ރުފިޔާ އެވެ. އޭގެ ކުރިން، 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 573 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އެސްޓީއޯގެ ސާފު ފައިދާ ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމުން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ އެ ކުންފުންޏަށް މަދުވުމުންނެވެ.

ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުގައިވާ ގޮތުން މި މަސް ނިމުމުގެ ކުރިން ކުންފުނީގެ އާންމު ޖަލްސާ ބާއްވަން ޖެހެ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އެސްޓީއޯގެ އާންމު ޖަލްސާގައި ދެން އޮންނާނީ މިދިޔަ އަހަރުގެ އާންމު ޖަލްސާގެ ޖައުމިއްޔާ ފާސްކުރުމާއި ހިސާބުތައް ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ހޮވާ ޑިރެކްޓަރެއް ހޮވުން އަދި އޮޑިޓް ކުންފުންޏެއް ކަނޑައެޅުމެވެ.