ވިޔަފާރި

ޔޫރަޕުން އައި ޓޫރިސްޓުން އިތުރުވެ، ޓޫރިޒަމަށް 3.6 ޕަސެންޓްގެ ކުރިއެރުމެއް

May 26, 2016
  • ޗައިނާގެ މާކެޓަށް ވަނީ ހީނަރުކަން ކުރިމަތިވެފައި
  • އޮކިއުޕެންސީ ރޭޓް ވަނީ 76.2 ޕަސެންޓްގައި
  • ޔޫކޭ އިން އައި ޓޫރިސްޓުން 13 ޕަސެންޓް އިތުރުވި

ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ހީނުކުރާހާ ވަރަށް ރަނގަޅުވެ، ޓޫރިޒަމަށް 3.6 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ އާންމު ކުރި މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އެޕްރީލް މަހާ ހަމަޔަށް ރާއްޖެއަށް ވަނީ 447،659 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު، 3.6 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ. ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ މަހު އެކަނި ވެސް 103،496 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ޓޫރިޒަމްގެ ކުރު ހުލާސާއެއް

  • އެންމެ ގިނަ ޓޫރިސްޓުން އައީ - ފެބުރުއަރީ މަހު
  • ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ - ޖެނުއަރީ މަހު
  • އެންމެ ގިނަ ޓޫރިސްޓުން އައި ބައްރުތަކަކީ - ޔޫރަޕް، އޭޝިޔާ ޕެސިފިކް، އެމެރިކާ ބައްރުން
  • ޗައިނާއިން 104،106 ޓޫރިސްޓުން އައި

މި ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ، ޒަމާންވީ މާކެޓްތައްކަމަށްވާ، ޖަރުމަނާއި އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމެވެ. އެގޮތުން ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމު ޖަރުމަނުން، އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.1 ޕަސެންޓް އިތުރުވެފަ އެވެ. މިފަހަކަށް އައިސް ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ އިނގިރޭސިވިލާތުގެ މާކެޓް ވަރަށް ބޮޑަށް ރަނގަޅުވެ، އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 13.1 ޕަސެންޓް އިތުރުވެފަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން 8.6 ޕަސެންޓް ޓޫރިސްޓުންނަކީ އިނގިރޭސިވިލާތުން އަންނަ މީހުންނެވެ. މުޅި ޔޫރަޕުން ރާއްޖެ އަށް 227،294 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، އެއީ 6.4 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެއް ގައުމަކުން ރާއްޖެއަށް އަދިވެސް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން އަންނަ ޓޫރިސްޓުންނަކީ 23 ޕަސެންޓް ނަމަވެސް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ، 9.7 ޕަސެންޓް ދަށްވެފަ އެވެ.

މިދިޔަ މަސް ނިމުނު އިރު، ޖުމްލަ 109 ރިސޯޓްގައި، 24،803 އެނދު އަދި ޓޫރިސްޓް ހޮޓާ، ގެސްޓްހައުސްތައް، ސަފާރީ އުޅަނދުތަކުން 4417 އެނދު ވަނީ އޮޕަރޭޓްކޮށްފައިވެ އެވެ. އޮކިއުޕަންސީ ރޭޓް 76.2 ޕަސެންޓްގައި ހުރި އިރު، މިއަހަރުގެ ތެރޭގައި ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކޮށްފައި ވަނީ 5.8 ދުވަހު އެވެ.