ވިޔަފާރި

ބީއެމްއެލް ހިއްސާދާރުންނަށް ރެކޯޑް އަދަދެއްގެ ފައިދާއެއް!

May 28, 2016
3
  • 91.4 މިލިއަން ރުފިޔާ ބަހަން ފާސްކުރި
  • އެއީ ހިއްސާއަކަށް 17 ރުފިޔާ
  • ފައިދާއަށް 932 މިލިއަން ރުފިޔާ ލިބުނު

ގައުމީ ބޭންކް، ބީއެމްއެލް އިން ވިދިވިދިގެން ތިންވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ދޭން ނިންމައިފި އެވެ. މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމީ، ހިއްސާއަކަށް 17 ރުފިޔާ އެވެ. އެއީ ބީއެމްއެލްއަށް ފައިދާގެ ގޮތުގައި ލިބުނު، 932 މިލިއަން ރުފިޔާގެ ތެރެއިން، 91.4 މިލިއަން ރުފިޔާ އެވެ.

އެގޮތަށް ފާސްވީ މިރޭގެ ޖަލްސާއަށް އައި ހިއްސާދާރުންގެ ތެރެއިން އަގުލަބިއްޔަތުން ފާސްވުމުންނެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާ އަކީ 2014 ވަނަ އަހަރާ އަޅާބަލާއިރު 29 ޕަސެންޓް އިތުރު އަދަދެކެވެ. މިފަދަ ބޮޑު ފައިދާއެއް ބީއެމްއެލް އިން ހޯދީ ބޭންކުގެ ވިޔަފާރިތައް ފުޅާކޮށް ހިދުމަތް އަވަސް ކުރުމަށް ކުރިއަށް ގެންދާ، 150 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވެސް ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން، ގާނޫނުން ލާޒިމުކުރާ މިންގަނޑަށްވުރެ ކުން ފުނީގެ ރައުސްމާލު އަދި ލިކުއިޑިޓީ ރޭޝިއޯވަނީ އިތުރަށް ރަނގަޅުވެ، އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓިފަ އެވެ.

ބީއެމްއެލްގެ މާލީ އުސްއަލިތައް:

  • 932 މިލިއަން ރުފިޔާގެ ސާފު ފައިދާ
  • ދޫކުރި ލޯނުގެ އަދަދު 22 ޕަސެންޓް އިތުރުވި
  • ހިއްސާގެ އަގު 30 ޕަސެންޓް އުފުލުނު
  • ފައިސާ ނުދައްކާ ހުރި ލޯނުތައް 19 ޕަސެންޓް ދަށް ކުރެވުނު

ކާމިޔާބީތަކާ ގުޅޭ ގޮތުން އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރަކީ ބޭންކަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޭންކުން މަސައްކަތް ކުރާނީ، ރާއްޖޭގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، އާއިލާތަކަށް އެފަރާތްތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމަށް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ. އަދި ބީއެމްއެލްގެ ކުރިއެރުމަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ވެސް ގެންދާނެ ކަން ސީއީއޯ ވިދާޅުވި އެވެ. މިއަހަރާއި އަންނަ އަހަރު ބޭންކުން ކުރާ އިންވެސްޓްމަންޓް 300 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ފައިދާވި އަހަރެއް ކަމަށް ދެންނެވުމުގެ އުފާ ލިބިގަންނަން. މާލީ ހާލަތުގެ އިތުރުން އިންވެސްޓްމެންޓް އަދި ޚިދުމަތް ދެމުންގެންދާ މުޖުތަމައަށް އަނބުރާ ދިނުމުގެ ރޮގުންވެސް ވަރަށް ކާމިޔާބު އަހަރެއް... ވިޔަފާރީގައި ރަނގަޅު ކާމިޔާބީތަކެއް ލިބެމުން އަންނަ ހިނދު، ކުރިއަށްއޮތް ތަނުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، އާއިލާތަކަށް އެފަރާތްތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމަށް. ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި، މުވައްޒަފުން ފަޚުރުވެރިވާނެ ފަދަ ގޮތަކަށް،" އެންޑްރޫ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ ބޭންކުން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދެބައި ކުޅައެއްބައި ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ބޮޑު ބައެއް އިންވެސްޓްކޮށްފައި ވަނީ އާ ބްރާންޗާއި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓާ ހުޅުވުމަށާއި މީހުން ދިރިއުޅޭ ރަށްތަކަށް ކޭޝް އެޖެންޓް ހިދުމަތް ތައާރަފްކުރުމަށާއި މިހާރު ހުރި ބްރާންޗްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމާއި ޓެކްނޮލޮޖީގެ ފެންވަރު މަތިކުރުމަށް ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކަކީ ބީއެމްއެލްއަށް ވާ އިރު، އެބޭންކްގެ 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މާޗަންޓުން، 177 ކޭޝް އޭޖެންޓުން އަދި 14 ސެލްފްސާވިސް ބޭންކިން ސެންޓަރު ހިމެނެ އެވެ. ބީއެމްއެލް އަށް ދާދި ފަހުން ވަނީ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ދޭ، މޯސްޓް އިނޮވޭޓިވް ބޭންކިން ޓީމް އިން ދި އިންޑިޔަން އޯޝަން ގެ ޝަރަފްވެރި އެވޯޑް ލިބިފަ އެވެ.