ފޮތުން ކުރިއަށް ދިއުމާއެކު ދަސްކުރާ ތަކެތި އަމަލުން ދައްކަން މަސައްކަތްކުރުމަށް ރާއްޖޭގެ ކިޔަވާކުދިންނަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސްކުރައްވައިފި އެވެ.
މަތީ ސާނަވީ އިމްތިހާނުގައި އެންމެ މަތިން ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ސްކޫލްކުދިންނާ މުހާތަބުކުރައްވައި އަގުހުރި ގިނަ ނަސޭހަތްތަކެއް ދެއްވާފަ އެވެ. ރައީސް ވަނީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި މިހާރުން މިހާރަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ގޮވާލައްވާފަ އެވެ.
މިރޭ ވަނަ ހާސިލްކުރި ދަރިވަރުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ، ދިރިއުޅުން ބައްޓަން ކުރަންވީ ގޮތް ކަނޑައަޅަންޖެހޭނީ މިހާރު ކަމަށެވެ. މަތީ ސާނަވީ ތައުލީމު ނިންމުމަށްފަހު ޔުނިވަސިޓީ ތައުލީމުގެ މަރުހަލާއަށް ތައްޔާރުވާއިރު، ދަރިވަރުން ވާންޖެހޭނީ ކިޔަވައިގެން ވާނީ ކޮންކަހަލަ ޝަހުސިއްޔަތަކަށްތޯ އަމިއްލަޔަށް ކަނޑައަޅައި ނިންމަން އެނގޭ ފަދަ ސިކުނޑި ރަނގަޅު، ދުނިޔެއަށް ލޯހުޅުވޭ ކުދިން ތަކަކަށް ކަމަށެވެ. ރާއްޖެއާއި ދިރިއުޅޭ މާހައުލުގައި ހިނގާ ކަންކަމާ މެދު ވިސްނައި ހާލަތު ބަދަލުކުރުމަށް ބޭނުންވާ ބަޔަކަށް ކަމަށެވެ. މުޖުތަމައުގައި ކަންކަން ވާގޮތާ ބެހޭގޮތުން ވިސްނައި ފިކުރުކޮށް، ގޯސް ކަންކަން ހުއްޓުވައި ގޯސް ކަންތައްތަކަށް ނޫނެކޭ ބުނަން ފަށަންޖެހޭ އުމުރަކީ މިހާރު ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ހިނގާ އޮއިވަރާ ދޭތެރޭގައި ވިސްނަންޖެހޭ ކުދިންނަށް ތިކުދިން ވާންވާނެ. ރާއްޖޭގައި ހިނގާ ކޮންމެ ނޭދެވޭ އޮއިވަރަކީ އެ އޮއިވަރާމެދު ވިސްނައި އެ އޮއިވަރުގައި ނުޖެހި ކުރިއަށްދާންޖެހޭ އޮއިވަރެއް. މައިންބަފައިން އަހަރެމެން ސްކޫލަށް ވައްދަނީ ހަމައެކަނި ފޮތް ކިޔައިގެން އަންނާކަށް ނޫން، އެހެންވީމަ މުޖުތަމައުގައި ހިނގާ ކަންކަމާމެދު ވިސްނައި ފިކުރުކުރަން ޖެހެނީ،" ރައީސް ވިދާޅުވި އެވެ.
މަތީ ސާނަވީ ނިމި ކޮލެޖަށް ނުވަތަ ޔުނިވަސިޓީއަށް ކިޔަވަން ނިކުންނަ އިރު، ކުރިއަރައި ތަރައްގީވަމުންދާ މުޖުތަމައެއްގައި ފެއިލިއާއިންނަށް ޖާގައެއް ނޯންނާނެކަން ކޮންމެ ކުއްޖެއްޖެވެސް ވިސްނުމުގައި ބަހައްޓަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންޖެހޭނީ އާ ކަންތައްތައްކޮށް އިހުނަށްވުރެ މޮޅަށް ކުރާ ހުރިހާ ކަމެއް ކުރުމަށް ކަމަށާއި ކާމިޔާބީއާ ހަމަޔަށް ފޯރާނީ އޭރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކުރަންޖެހޭ. މިއަދު މިއީ އެ ދުވަސް. މާދަމާ ބޭރުގެ ޔުނިވަސިޓީއަކަށް ނުވަތަ ކޮލެޖަކަށް ދާން ފަށާއިރު ނަސޭހަތްދޭން މަންމައެއް ނުހުންނާނެ. ނުދަންނަ ސޮސައިޓީއެއްގައި އުޅެ ކާމިޔާބީއާ ހަމަޔަށް ދެވޭނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރެވިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ކާމިޔާބު މީހެއްގެ ކާމިޔާބީގެ ފަހަތުގައި ނުގުޑާ އަޒުމަކާއި ހިތްވަރެއް އޮންނާނެ ކަމަށެވެ. އެހެންކަމުން ކުރާ ކޮންމެ ކަމެއް ކަމޭހިތައިގެން ކުރަން މަސައްކަތްކުރުމަށް ހުރިހާ ކިޔަވާކުދިންނަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަތީ ތައުލީމަށް ކިޔަވައި ނިންމާއިރު ބޭނުންވަނީ ކޮން ވަޒީފާއެއްތޯ ކަނޑައެޅިފައި އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އޭރުން ކިޔަވައި ނިމިގެން އަންނައިރު ވަޒީފާއާ މެދު ކަންބޮޑުވެ، ބިރުހީވާން ނުޖެހޭނެ ކަމަށާއި، މުޖުތަމައުގެ އެކި ފަރުދުންގެ ފަރާތުން އަންނަ ފިއްތުންތަކުން ސަލާމަތްވެ އުންމީދުތައް ހަގީގަތަކަށް ހަދަންޖެހޭ ކަމަށެވެ. ކޮންމެ ކިޔަވާ ކުއްޖަކީ އުންމީދުތަކެއް އޮންނާނެ ކުއްޖެއް ކަމަށާއި، އުންމީދެއް އޮތްކަން ދަނެ މުޖުތަމައުގެ ފަރާތުން އަންނަ ފިއްތުންތަކުން ސަލާމަތްވުމަށް ރައީސް ވަނީ އިލ ދަރިވަރަކު
"ކިޔަވަމުންދާއިރު އެކި ފަރާތްތަކުން އަންނަ ޕްރެޝާ (ޕިއާ ޕްރެޝާ) އަކީ ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމެެއް. އެކަމަށް ބޭނުންވަނީ އަމިއްލައަށް ނަފްސު ދެނެގަތުން. އަމިއްލަ އެންބިޝަން އާ ހަމަޔަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ހިތްވަރު. މަންމަ ބޭނުންވެދާނެ ޑޮކްޓަރަކަށް ވާން. ބައްޕަ ބޭނުން ވެދާނެ ދަރިފުޅު ޕައިލެޓަކަށް ވާން. މުދައްރިސް ބޭނުންވެދާނެ ކޮންމެވެސް އެހެން ދާއިރާއަކުން ކުރިއަށްދާން. އެކަމަކު އަމިއްލަ އެމްބިޝަން އަމިއްލަޔަށް ކަނޑައެޅިފައި އޮންނަން ވާނެ. އެކަމަށްވެސް ބޭނުންވަނީ ސެލްފް ކޮމްފިޑެންސް،" ރައީސް ވިދާޅުވި އެވެ.