ހަބަރު

ޖަލްސާ ބާއްވާލާނެ ތަނެއް ވެސް އެމްޑީޕީއަށް ނުލިބުނު

އަންނަ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީން ބާއްވަން ނިންމާފައިވާ ޖަލްސާއަށް އާޓިފިޝަލް ބީޗް ހޯދުމަށް އެދިފައިވާއިރު އަދިވެސް ހައުސިން މިނިސްޓްރީން އެކަމަށް ޖަވާބެއް ދީފައި ނުވާކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ނިންމައި، އެ ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗު ހޯދައި ދިނުމަށް ހައުސިން މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން އެކަމަށް އިންކާރުކޮށް ބީޗް ނުލިބޭނެކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗު ހޯދައިދޭން އެމްޑީޕީން ހައުސިން މިނިސްޓްރީގައި އެދިފައިވަނީ އިއްޔެ އެވެ.

އަވަސް އަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، އެމްޑީޕީގެ ޖަލްސާއެއް ހައުސިން މިނިސްޓްރީން ހުއްދަ ނަގައިގެން ބާއްވަން މަސައްކަތްކުރާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު އަދި މިހާތަނަށް ވެސް އެ ޕާޓީއަށް އެފަދަ ހުއްދައެއް ނުދޭ ކަމަށެވެ. އަންނަ ބުރާސްފަތިދުވަހުގެ ރޭ ބާއްވަން ރާވާފައިވާ ޖަލްސާ އަށް ވެސް ދަރުބާރުގެ ހޯދަން ހައުސިން މިނިސްޓްރީގައި އެދުމުން ވެސް އެންމެ ފަހުވަގުތު އެތަން ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އާޓިފިޝަލް ބީޗު ހޯދަން އެދުނީ ދަރުބާރުގެ ނުލިބުމުން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

"ދަރުބާރުގެ ހޯދަން އެދުމުން ފުރަތަމަ ބުނީ ޖޫން ދޭކަށް ތަން ހުސްކޮށް އޮތް ކަމަށް. އަވަހަށް ފޯމް ލާށޭ. އެކަމަކު އެންމެފަހުން ފޯމްލާން ދިޔައިމަ ބުނަނީ ސަރުކާރުގެ ބޭނުމަށް ދަރުބާރުގެ އޮތީ ނަގާފައޭ، އެހެންވީމަ ދެވޭކަށް ނެތޭ. އާޓިފިޝަލް ބީޗު ހޯދައިދޭން އެދުނީ އެހެންވެ،" އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ، އެޕާޓީގެ ޖަލްސާ ބާއްވަން އާޓިފިޝަލް ބީޗުވެސް ނުލިބޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާތީ އެއީ ތެދެއްތޯ ޔަގީންކުރުމަށް އެ މިނިސްޓްރީއަށް އެތައް ފަހަރެއްގެ މަތިން ގުޅުމުންވެސް ޖަވާބެއް ނުދިން ކަމަށެވެ.

"އާނ އެކޭވެސް ނޫނެކޭވެސް ބުނީމަ ދެއްތޮ އަޅުގަނޑުމެންނަށް އެނގޭނީ މިކަން ކުރަންވީ ގޮތެއް. އަޅުގަނޑަށް ހީވަނީ ހޯމް މިނިސްޓަރަށް ވެސް ދަންނަވައިގެން ދޭ ހުއްދައަކަށް ވާތީހެން ޖަވާބު ނުލިބިގެން އުޅެނީ،" އަނަސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އަވަސް އަށް ވިދާޅުވީ، އެމްޑީޕީގެ ޖަލްސާއަކަށް ހައުސިން މިނިސްޓްރީން ހުރަސް ނާޅާކަމަށެވެ. ހައުސިން މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އުސޫލެއްގައި ސިޔާސީ ހަރަކާތް ހިންގުން މަނާ ސަރަހައްދުތައް ވަރަށް ރަނގަޅަށް ބުނެދީފައި އޮންނާނެ ކަމަށާއި، އާޓިފިޝަލް ބީޗަކީ ވެސް އޭގެތެރޭގައި ހިމެނޭ ތަނެއް ކަމަށް ވުމުން، އެއްވެސް ބަޔަކަށް އެ އުސޫލާ ހިލާފަށް ސިޔާސީ ބޭނުމަކަށް އާޓިފިޝަލް ބީޗް ދޫ ނުކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮންނާނެ އުސޫލެއް ގެޒެޓްކޮށްފަ. އޭގަ ލިސްޓުކޮށްފަ އޮންނާނެ އެކި ތަންތަނުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން. އެހެންވީމަ އެއްވެސް ބަޔަކު އެދުނަސް އެ އުސޫލާ އަޅުގަނޑުމެން ހިލާފެއް ނުވަން. އެ އުސޫލުގަ އޮންނާނެ އާޓިފިޝަލް ބީޗާއި ރަސްފަންނާ މިފަދަ ބައެއް ތަންތަނުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް. އެހެންވީމަ އެ ނޫން އެހެން ކޮންމެވެސް ތަނެއްގަ އެބޭފުޅުން ޖަލްސާ ބާއްވަން ބޭނުންވުމަކުން އަޅުގަނޑުމެންނަށް މައްސަލައެއް ނެތް،" މުއިޒް ވިދާޅުވި އެވެ.