ހަބަރު

ޗައިނާ މީހެއް ކަމަށް ބުނެ މަކަރުން ފައިސާ އަތުލަން އުޅެފި

ރާއްޖޭގައި އިންވެސްޓްކުރުމަށް އައިސްއުޅޭ ޗައިނާ މީހެއް ކަމަށް ބުނެ، މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލަން މަސައްކަތް ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އެ އެންމެންނަކީވެސް ދިވެހިން ކަމަށެވެ. އަދި އެ މައްސަލާގައި ތިން މީހުން ހައްޔަރުކޮށްފައިވަނީ ޗައިނާ އިންވެސްޓަރެއް ކަމަށް ބުނެ މީހަކަށް ގުޅައި، ބައްދަލުކުރަން ބޭނުން ކަމަށާއި ބައްދަލުކުރުމުގެ ކުރިން ނިންމަންޖެހޭ ބައެއް ކަންތައްތައް ނިންމުމަށް 5000 ޑޮލަރަށްވާ ދިވެހި ފައިސާ ހިފައިގެން އައުމަށް ބުނެ ފައިސާ ހޯދަން އުޅުމުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ، "ޗައިނާމީހާ" އާ ބައްދަލުކުރުމަށް ދިޔުމުގެ ކުރިން އިމްޕީރިއަލް ކައިރި ހުރި މީހަކާ ބައްދަލުކޮށް އޭނާގެ އަތުގައި އޮތް ސީޑީއަކާއި "ޑިވައި"” އެއް ހިފައިގެން އައުމަށާއި އެތަކެއްޗަށް ދައްކަންޖެހޭ ފައިސާ ހަވާލުކުރުމަށް ފޯނުގެ ވެރިފަރާތްކައިރީގައި ބުނުމުން އެމީހާ އެތަނަށް ގޮސް 44 އަހަރުގެ މީހާއާ ބައްދަލުކުރި ތަނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި
28 އަހަރުގެ ދެމީހުން ހައްޔަރުކޮށްފައިވަނީ އިމްޕީރިއަލް ކައިރިން ހައްޔަރުކުރި 44 އަހަރުގެ މީހާގެ ފޯނަށް ގުޅައި ބޮޑުތަކުރުފާނު މަގު ފިހާރައެއް ކައިރީ ހުރި މީހަކަށް ފައިސާ ހަވާލުކުރަން ބުނުމުން އެމީހާއާ ބައްދަލުކުރުމަށް އެތަނަށް ގޮސް އެތަނުގައި ތިބި ދެމީހުންގެ ތެރެއިން އެކެއްގެ އަތަށް ފައިސާ ހަވާލުކުރި ތަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ކުރެވުނު މަސައްކަތުން، މާފުށީ ޖަލުގައިހުރި ގައިދީއަކާއި މި މައްސަލައާ ގުޅުންހުރި ކަމަށް ލިބުނު މައުލޫމާތު ލިބުނު ކަމަށެވެ. އެގޮތުން ކަރެކްޝަންއާ އެކު ކުރި އޮޕަރޭޝަނެއްގައި ޖަލުގެ ގޮޅިއެއް ބަލައި ފާސްކޮށް މި މައްސަލައާ ގުޅުންހުރި ސިމް ކާޑެއްވަނީ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީވެސް ތަފާތު މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށްވާއިރު އެމީހުންގެ ތެރެއިން 28 އަހަރުގެ އެކަކަކީ ޕެރޯލްގެ ދަށުން ދޫކޮށްލާފައިހުރި މީހެކެވެ. އެ އެންމެންގެ ބަނދަށް މިހާރު ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.