އެލައިޑް އިންޝުއަރެންސް

ރޯދަ އުމްރާއަށްދާ މީހުން ހާއްސަ ސްކީމެއް އަޔާދީ ތަކާފުލުން

މި ރަމަޟާން މަހު އުމްރާއަށް ދާ ފަރާތްތަކަށް ހާއްސަ ސްކީމެއް އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ތައާރަފްކޮށްފި އެވެ. މި ސްކީމްގެ ދަށުން އުމްރާއަށް ދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ތިން ހަރަމް އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ވަނީ ފަށާފަ އެވެ.

މި ސްކީމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެލައިޑުގެ މެނޭޖާ މާކެޓިން ނިއުޝާދު ޝަރީފް ވިދާޅުވީ މި ސްކީމްގެ ދަށުން 750 ރުފިޔާ ދައްކައިގެން އެއް ލައްކަ ރުފިޔާ އާ ހަމައަށް ބަދަލު ލިބޭނެ ކަމަށެވެ. އެގޮތުން ޗެކިން ކޮށްފައި ހުންނަ ލަގެޖު ފަދަ ތަކެތި ގެއްލިގެން ނުވަތަ ޗެކިން ކުރުމަށްފަހު އަނބުރާ ލިބުމުގައި ލަސްވެެގެން ލިބޭ ގެއްލުންތަކާއި، ޕާސްޕޯޓު ގެއްލިގެން ލިބޭ ގެއްލުންތަކާއި ފައިސާ އާއި އަގުހުރި ތަކެތި ގެއްލިގެން ލިބޭ ގެއްލުންތަކަށް ބަދަލު ދޭނެ ކަމަށެވެ.

މި ސްކީމްގައި ބައިވެރިވެވޭނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާއަށް ދާ ފަރާތްތައް އެކަނި ނޫން ކަމަށާއި ރޯދަމަހު އުމްރާ ތަކާފުލް ޕެކޭޖު ނަގައިގެންދާ ކޮންމެ ފަރާތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

އެލައިޑުން ވަނީ އީޓް.އެމްވީ އަށް ހާއްސަ ރޯދަ މެނޫ އެޕްލިކޭޝަން އެއް ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަނުން ރެސްޓޯރެންޓްތަކުގެ މެނޫ ތަކާއި އަގުތައް އަދި ކާން ބޭނުންވާ ވަކި އެއްޗެއް ސާޗްކޮށްލުމުން އެ ލިބެން ހުންނަ ރެސްޓޯރެންޓްތައް ފެންނަން ހުންނާނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ. އަދި ބަންގީގެ ވަގުތުގެ ކައުންޓުޑައުން ވެސް ފެންނާނެ ކަމަށެވެ. އެޕްލިކޭޝަން އިންސްޓޯލް ކުރުމަށްފަހު ނޮޓިފިކޭޝަން އިނޭބަލް ކުރުމުން ނަމާދު ވަގުތުގެ 15 މިނެޓު ކުރިން ނޮޓިފިކޭޝަނެއް ފޮނުވާނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.