އެލައިޑް އިންޝުއަރެންސް

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޮގަސްޓް 23 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ. އީމެއިލް -- [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

"އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެކެވެ. މިފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ. އީމެއިލް -- [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި ފަންޑިން ޕްރޮގްރާމްސް އަކީ ވަރަށް އުއްމީދާއި އެކު އެލައިޑުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މިފަހަރުވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބަވާ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުމެވެ. އެހެންކަމުން މިޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖުތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ލިބުނު ހިތްވަރެއް ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ. މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެލައިޑްގެ ވެބްސައިޓް އިން ލިބޭނެ އެވެ.

2018 ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.