މޯލްޑިވް ގޭސް

ކައްކާ ގޭހުގެ ސްޓޮކް އިތުރުކުރުމަށް އެލައިޑާއެކު އެއްބަސްވުމަކަށް

ކައްކާ ގޭސް ރާއްޖޭގައި ފަސް މަސް ދުވަހަށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ތިލަފުށީގައި ހުންނަ މޯލްޑިވް ގޭސްގެ އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާ އެކު އެކްސްޓާނަލް ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން މިއަދު ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ލިކުއިޑް ޕެޓްރޯލިއަމް ގޭސް ނުވަތަ ކައްކާ ގޭސް މިވަގުތު ރައްކާކުރެވެނީ 35 ދުވަހަށް ބޭނުންވާ މިންވަރަށް ކަމަށެވެ. އެކަމަކު އެ ކެޕޭސިޓީ އިތުރުކޮށް ފަސް މަސް ދުވަހަށް ބޭނުންވާ ގޭސް ރާއްޖޭގައި ރައްކާކުރެވޭނެ އިންތިޒާމު މިއަހަރުގެ ތެރޭގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިމަސައްކަތް ފަށާތާ ހައެއް ނުވަތަ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. އޭރު ބޭރު ދުނިޔޭގައި ހަނގުރާމައެއް ހިނގި ކަމުގައިވިޔަސް ގޭސް ލިބުމަށް ދަތިވެދާނެހެން ހީވުމުގެ ކަންބޮޑުވުން ކުޑަކުރެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

މޯލްޑިވް ގޭސްގެ އޮފީސް އިމާރާތެއް އެޅުމަށް ބިމަކާއި އިތުރު ޑިސްޓްރިއުބިޝަން ސެންޓަރެއް ގާއިމުކުރުމަށް ހުޅުމާލެ އިން ވަނީ ބިން ވެސް ހަމަޖައްސާފަ އެވެ.