މޯލްޑިވް ގޭސް

ގޭސް ބަލްކްކޮށް ގެނެސް އަގުހެޔޮކުރެވޭތޯ ބަލަނީ

ރާއްޖެއަށް ބޭނުންވާ އެއާ ކޮންޑިޝަނާ ގޭސް ބަލްކްކޮށް ގެނެސް ހެޔޮ އަގުގައި ވިއްކުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވް ގޭސް އިން ބުނެފި އެވެ.

މޯލްޑިވް ގޭސްއަށް 25 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ތަފާތު ވައްތަރުގެ ގޭހައި އަދި ގޭހާ ގުޅުންހުރި ވަސީލަތްތައް ލިބޭނެ ފިހާރައެއް އެ ކުންފުނިން ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.

މިމަސައްކަތުގެ ތެރެއިން އެއާ ކޮންޑިޝަންތަކަށް ބޭނުންވާ ގޭސް އަދި ކައްކާ ގޭސް ބަލްކްކޮށް ރާއްޖެ ގެނެސް ވީހާވެސް އަގުހެޔޮކޮށް އަދި ހުސްނުކޮށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ.

"އަންނަ އަހަރުގެ މެދަކާ ހިސާބުގައި ފަސް މަސް ދުވަހަށް ވާވަރަށް ގޭސް ރައްކާކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ،" ގޭސް ރައްކާކުރަން ބޮޑު ސްޓޯރޭޖެއް ގާއިމުކުރަމުންދާކަން ހާމަކުރައްވަމުން އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވް ގޭހަށް މިވަގުތު އެންމެ ބޮޑު ދައްޗަކީ އޮފީސް ހިންގާނެ އެކަށީގެންވާ ޖާގަ ނެތުން ކަމަށެވެ. ނަމަވެސް ހުޅުމާލެ އިން ބިމެއް ހޯދައިގެން އެތަނުގައި 10 ބުރީގެ އިމާރާތެއް އަޅައި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެތަން ބޭނުންކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސް އުފެއްދީ އޮކްޓޫބަރު 3، 1999 ގައެވެ.