މޯލްޑިވް ގޭސް

މޯލްޑިވް ގޭސް ރާއްޖޭގެ އުތުރާއި ދެކުނުން ލިބޭނެ ގޮތް ހަދަނީ

ރާއްޖޭގެ އުތުރާއި ދެކުނުން ފަސޭހަ ކަމާއެކު މޯލްޑިވް ގޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ގޭސްފުޅި ބަލައި އަންނަން ޖެހެނީ މާލެއަށް ކަމަށާއި އެހެންވެ ގޭސް ލިބުމުގެ ދަތިކަން ހުރިހާ ސަރަހައްދަކަށްވެސް އެބައޮތް ކަމަށެވެ.

އަބްދުﷲ ވިދަޅުވީ އެއީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށާއި އެ ދަތިތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުމަކީ ސަރުކާރުގެ ތަސައްވުރުގައި އޮތް ކަމެއް ކަމަށެވެ. އެގޮތުން އުތުރާއި ދެކުނުން ފަސޭހަ ކަމާއެކު މޯލްޑިވް ގޭސް ހުރިހާ ރަށަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެހުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ގޭސް ފުޅި ހުސްވުމުން މާލެއަށް ފުޅި ފޮނުވައިގެން އެ ރީފިލްކުރުމުގެ ބަދަލުގަ އެ ސަރަހައްދަކުން އެ ހިދުމަތް ލިބެން ހުރުމަކީ ހިދުމަތުގެ އަގު ހެޔޮވެފައި ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަންވެސް ލިބިގެންދާނެ ކަމެއް ކަމުގައި އަބްދުﷲ ވިދާޅުވި އެވެ.

"މިހާރު އޮންނަ ގޮތުން ގޭސް ހޯދުމަށް އުފުލަންޖެހޭ ތަކުލީފް ތަކާ އެކު ގޭސް ލިބޭ އަގުވެސް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ރާޢްޖޭގެ އުތުރާއި ދެކުނުން ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އަބްދުﷲ ވިދާޅުވި ނަމަވެސް އެ ހިދުމަތް ރައްޔިތުންނަން ލިބޭނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.