މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑަށް ގޭސް ވިއްކަމުންދާ ސަޕްލަޔަރު -- ތްރީ އެޗް ޑީ އިންޓަނޭޝަނަލްގެ ބަދަލުގައި ސީދާ ގޭސް ބަންދުކުރާ ކުންފުންޏަކުން ގޭސް ގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން އަންގާފައިވަނިކޮށް އެ އެންގުމާ އެއްގޮތަށް މޯލްޑިވް ގޭސް އިން އަމަލުނުކުރާ މައްސަލަ ބެލުމަށް ނިންމާ، ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މޯލްޑިވް ގޭހުން ރާއްޖެއަށް އެތެރެކުރާ ގޭސް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާ ކަމަށް ތުހުމަތުކޮށް އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެސްއޯއީ ކޮމިޓީން 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ ގޭސް ސަޕްލައިކޮށްދޭ ސަޕްލަޔަރު ބަދަލުކޮށް ސީދާ ގޭސް ބަންދުކުރާ މެނުފެކްޗަރައެއްގެ އަތުން ގޭސް ގަތުމަށް މޯލްޑިވްސް ގޭހަށް އަންގާފަ އެވެ.
އޭރު ކޮމިޓީން މައްސަލަ ބެލިއިރު އެނގުނީ މޯލްޑިވް ގޭހުން ރާއްޖެއަށް ބޭނުންވާ ގޭސް ގަންނަ ސަޕްލަޔަރު -- ތްރީ އެޗް ޑީ އިންޓަނޭޝަނަލް އަކީ ގޭސް ބަންދުކުރާ ކުންފުންޏެއް ނޫން ކަމާއި އެއީ ގޭސް ވިއްކާ ތިންވަނަ ޕާޓީއެއް ކަމެވެ. އެގޮތަށް ގޭސް ގަތުމުން ކޮންމެ ޝިޕްމަންޓަކަށް 130،000 ޑޮލަރު އިތުރަށް ހަރަދު ކުރަމުންދާ ކަމަށް ފާހަގަވި އެވެ. އެގޮތަށް ގޭސް ގަންނަނީ މޯލްޑިވް ގޭހުގެ ސްޓޯރޭޖުގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށް އެ ކުންފުނިން އޭރު ބުނެފައިވެ އެވެ.
ސްޓޯރޭޖުގައި އެކަށީގެންވާ ޖާގަ ނެތް ކަމަށް މޯލްޑިވް ގޭހުގެ ވެރިން ކޮމިޓީއަށް އޭރު މައުލޫމާތު ދެއްވުމާ ގުޅިގެން ސްޓޯރޭޖުގެ ޖާގަ އިތުރުކޮށްގެން އަގުތައް ކުޑަކުރެވިދާނެ ގޮތުގެ ޕްލޭނެއް ހެދުމަށްފަހު ދެމަސް ތެރޭގައި ހިއްސާކުރުމަށްވެސް ކޮމިޓީން އޭރު މޯލްޑިވް ގޭހަށް އަންގާފައިވެ އެވެ. އަދި މޯލްޑިވް ގޭހުން ތެޔޮ ގަންނަ އަގުތަކާއި މާކެޓްގައި ހުންނަ އަގުތަކާ ބަލާއިރު ގަބޫލުނުކުރެވޭ ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އޭސީސީ އަށް އެންގުމަށްވެސް ކޮމިޓީން އޭރު ފާސްކޮށްފައިވެ އެވެ.
ކޮމިޓީއަށް މިއަދު މޯލްޑިވް ގޭހުގެ އިސްވެރިން ހާޒިރުކުރީ ކޮމިޓީގެ ކުރީގެ އެންގުމަށް އަމަލުކޮށްފައި ނުވާތީ އެ މައްސަލަ ބެލުމަށް މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު ކޮމިޓީ އަށް ހުށަހަޅާފައިވާތީ އެ މައްސަލަ ބެލުމުގެ ގޮތުންނެވެ. އެކަމަކު އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވީ ކޮމިޓީ ސިއްރުކުރުމަށެވެ. ކޮމިޓީން ބަލަނީ ވާދަވެރި ވިޔަފާރި މާކެޓަކާ ގުޅޭ މައްސަލައެއް ކަމަށް ކޮމިޓީގެ ގިނަ މެންބަރުންނަށް ފެނިވަޑައިގަތުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރީ އެވެ.