މޯލްޑިވް ގޭސް

ކައްކާ ގޭހުގެ ސްޓޮކް ފަސް މަސް ދުވަހަށް ރައްކާކުރެވޭނެ ގޮތް ހަދަނީ

ކައްކާ ގޭސް ރާއްޖޭގައި ފަސް މަސް ދުވަހަށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ލިކުއިޑް ޕެޓްރޯލިއަމް ގޭސް ނުވަތަ ކައްކާ ގޭސް މިވަގުތު ރައްކާކުރެވެނީ 35 ދުވަހަށް ބޭނުންވާ މިންވަރަށް ކަމަށެވެ. އެކަމަކު އެ ކެޕޭސިޓީ އިތުރުކޮށް ފަސް މަސް ދުވަހަށް ބޭނުންވާ ގޭސް ރާއްޖޭގައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިމަސައްކަތް ފަށާތާ ހައެއް ނުވަތަ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. އޭރު ބޭރު ދުނިޔޭގައި ހަނގުރާމައެއް ހިނގި ކަމުގައިވިޔަސް ގޭސް ލިބުމަށް ދަތިވެދާނެހެން ހީވުމުގެ ކަންބޮޑުވުން ކުޑަކުރެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބޭނުންވާ ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުން ތަންތަނުގެ ޑިޒައިން މަސައްކަތް ނިމި އަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ މޯލްޑިވް ގޭހުގެ ގދ. ތިނަދޫ ޕްލާންޓް ވެސް އަލުން އޮޕަރޭޓް ކުރަން ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަންނަ އަހަރުގެ ތެރޭގައި އެތަނުގެ މަސައްކަތް ފެށުމަކީ އަމާޒެއް ކަމަށާއި އޭރުން ދެކުނުގެ އަތޮޅުތަކަށް ކައްކާ ގޭސް ފޯރުކޮށްދިނުން އަވަސްވެ އަގަށްވެސް ހެޔޮ ބަދަލެއް އައުމުގެ ފުރުސަތު އޮންނާނެ ކަމުގައި ވިދާޅުވި އެވެ.

މޯލްޑިވް ގޭސްގެ އޮފީސް އިމާރާތެއް އެޅުމަށް ބިމަކާއި އިތުރު ޑިސްޓްރިއުބިޝަން ސެންޓަރެއް ގާއިމުކުރުމަށް ހުޅުމާލެ އިން ވަނީ ބިން ވެސް ހަމަޖައްސާފަ އެވެ.