އިލެކްޝަންސް ކޮމިޝަން

ކައުންސިލް އިންތިހާބަށް އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަނީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅުތަކުގައި ހަރަކާތެރިވާނެ ޓްރެއިނަރުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިއުލާނުކޮށްފި އެވެ.

އެކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ އެއިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ތަމުރީނު ހިންގުމަށް ކޮންމެ އަތޮޅަކުން މާސްޓާ ޓްރެއިނަރުންގެ ގޮތުގައި ތަމުރީނުކުރާނެ ތިނެއް ނުވަތަ ހަތަރު މީހުން ބޭނުންވާ ކަމަށެވެ.

ހޮވޭ ފަރާތްތަކަށް، އޮގަސްޓު 30 އިން ސެޕްޓެންބަރު ފަހަކަށް މާލޭގައި ޓްރެއިނިން ސެޝަންތައް ހިންގާނެ ކަމަށާއި އިންތިހާބު ބޭއްވުމުގެ އެއް ހަފުތާގެ ކުރިން މިޓްރެއިނަރުންނަށް މާލޭގައި ރިފްރެޝާ ޕްރޮގްރާމެއް ހިންގާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މިކަމަށް ކުރަންޖެހޭ އެންމެހައި ހަރަދެއް އެ ކޮމިޝަނުން ކުރާނެ ކަމަށާއި ޓްރެއިނިން ފުރިހަމަކުރާ ފަރާތްތައް މި ކޮމިޝަނާއެކު އިގުރާރުކުރެވި، އަތޮޅުގައި ޓްރެއިނިން ހިންގާ ކޮންމެ ދުވަހަކަށް 700 ރުފިޔާގެ އުޖޫރައެއް ދެ އެވެ.