ވިޔަފާރި

އެމްޓީސީސީގެ ސީއީއޯ ކަމުން ވަކިކުރި ހަލީމް އެމްއާރުޑީސީގެ އެމްޑީއަކަށް

Jun 13, 2016
2

އެމްޓީސީސީގެ ސީއީއޯ ކަމުން ވަކިކުރި، އަބްދުއްރައްޒާގު ހަލީމް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ. "އަވަސް" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި، ހަލީމް އެމްއާރުޑީސީގެ އެމްޑީ ކަމަށް ހަމަޖައްސަން ޕްރައިވެޓައިޒޭޝަން ބޯޑަށް ނަން ފޮނުވީ އިއްޔެ އެވެ.

މިއަދުގެ ވަގުތެއްގައި އޭނާ އެ މަގާމަށް ހަމަޖައްސަން ޝަރުތު ހަމަވާ ކަމަށް ވަނީ ނިންމައިފި އެވެ. ޕްރައިވެޓައުޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ވެސް އެކަން އަވަސް އަށް ކަށަވަރުކޮށްދެއްވި އެވެ.

އެމްއާރުޑީސީގެ އެމްޑީ ކަމުގައި ހުންނެވި، އިބްރާހިމް ނަޒީމް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކި ކުރި އިރު، އެމްއާރުޑީސީގެ ތެރެއިން ހިންގި އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އޭސީސީ އިން ވަނީ ޕީޖީގައި އެދިފަ އެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑްތަކަށް އިއްޔެގެނައި ބަދަލުގެ ތެރޭގައި، އެމްޓީސީސީގެ ބޯޑް މެންބަރެއްގެ ގޮތުގައި ހުންނެވި، ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވެސް ވަނީ ބޯޑުން ވަކިކޮށްފަ އެވެ އޭނާ ބޯޑުން ވަކިކުރި ސަބަބެއް ނޭނގެ އެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމު ހުސްވެފައި ވީ ނަމަވެސް އެ މަގާމަށް އަދި ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.