ހަބަރު

ބަރަހަނާ ސައިޓްތަކަށް ވަނުން ހުއްޓުވަން ޕީޖީ ހޯމް މިނިސްޓަރަށް ދަންނަވައިފި

ބަރަހަނާ ވެބްސައިޓްތަކަށް ވަނުން ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯމް މިނިސްޓްރީގައި އެދެފި އެވެ.

ޕީޖީ މުހްތާޒް މުހްސިންގެ ފަރާތުން އިއްޔެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކޮށްފައި އޮންނައިރު އެ އަސާސްތައް ނެގެހެއްޓުމުގެ ގޮތުން، އޮރިޔާން މަންޒަރު ދައްކުވައިދޭ ވެބްސައިޓްތަކަށް ވަނުން ހުއްޓުވުމަށް ފިޔަވަޅު އަޅައި އަދި އެ ފިޔަވަޅު އެޅުމަށް ފަހު ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހާ އެ މައުލޫމާތު ހިއްސާކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އެ ސިޓީގައި ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކުރާ ކަންކަމަށް މަގު ފަހިވާ ކަންކަން ހުއްޓުވުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެފަދަ ކުށްތަކަށް މަގުފަހިވާ ގޮތަށް ހުންނަ ކަންކަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ގާނޫނު ނެގެހެއްޓުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.

އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމަކީ ގާނޫނުން މަނާކުރާ ކަމަކަށް ވާއިރު، އޮރިޔާން މަންޒަރު ދައްކައިދޭ ވަސީލަތްތަކުގެ ސަބަބުން އެކި ކުށްތަކަށް މަގުފަހިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

މީގެ ކުރިން ޕީޖީ "އަވަސް" އަށް ވިދާޅުވެފައި ވަނީ ބަރަހަނާ ސައިޓްތައް އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ބްލޮކް ކޮށްފައިވާ ކަމަށާއި ރާއްޖޭގައި ވެސް އެގޮތަށް އަމަލުކުރަން ފެށުމާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

"އެއީ އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ވެސް އޮންނަ ގޮތް. ރާއްޖޭގައި ވެސް އެގޮތަށް އަމަލު ކުރުމާ މެދު މި ދަނީ ވިސްނަމުން،" ޕީޖީ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ އާއި ފޮޓޯއަކީ ގެންގުޅުމާއި ވިއްކުމާއި އެތެރެކުރުން މިހާރު ވެސް މަނާ ތަކެއްޗެވެ. އަދި އެފަދަ ވީޑިއޯ އާއި ފޮޓޯ ގެންގުޅުނު މައްސަލަތަކުގައި ބައެއް މީހުން ޖަލަށްލުމަށް ކޯޓުތަކުން ކުރިން ވެސް ހުކުމްކޮށްފައިވެ އެވެ.