ރައްޔިތުންގެ މަޖިލިސް

ސިޔާސީ ކޯޅުންތައް އެއްފަރާތްކޮށް ޓެރަރިޒަމް ނައްތާލަން މެންބަރުން ތައްޔާރު

  • މައްސަލައިގައި ސަރުކާރަށް އެއްބާރުލުން ދޭނެ
  • މައްސަލަ ކޮމިޓީއަކަށް ފޮނުވަން ތާއީދު
  • ސަރުކާރުން އިހުލާސްތެރިވުމަށް ގޮވާލި

ސިޔާސީ ވާދެވެރިކަމާއި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ބޭރު ގައުމުތަކަށް ދިވެހިން ހަންގުރާމައަށް ދާ މައްސަލަ ހައްލު ކުރަން ގިނަ މެންބަރުން މިއަދުގެ ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށްފި އެވެ.

މަޖިލީހުގައި މިއަދު ކުރިޔަށް ދަނީ ޓެރެރިޒަމް އާއި ހައްދުފަހަނައަޅައި ދިޔުމުގެ ސިޔާސަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ.

އެ ބަހުސްގައި ސަރުކާރު ހިންގައި ޕާޓީ ޕީޕީއެމް، އިދިކޮޅު އެމްޑީޕީ އަދި އަދާލަތު ޕާޓީއިން ވެސް ހިޔާލުފާޅު ކުރީ، އެ މައްސަލަ ވަރަށް ސީރިޔަސްކޮށް ނަގައި ކޮންމެހެން ވެސް ހުއްޓުވަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. އަދި ފުޅާ ދާއިރާއެއްގައި ތަހުގީގުތައް ކޮށް ހަނގުރާމައަށް ދާ މީހުންނަށް ފަންޑު ކުރާ މީހުން ފެށިގެން ހަންގުރާމަތަކަށް ދާ މީހުނަށް ތާއީދުކޮށް އެމީހުން ގައުމުތަކަށް ފޮނުވާ މީހުން ހޯދައި ޓެރަރިޒަމް ހުއްޓުވަން ޖެހޭ ކަމަށް ގިނަ މެންބަރުންގެ ވާހަކަތަކުގައި ފާހަގަ ކުރެއްވި އެވެ.

މައްސަލައިގައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ދިވެއްސެއް އެހެން ގައުމެއްގައި ހިނގައި ހަނގުރާމައިގައި ބައިވެރިވުމަކީ އޭގެ ސަބަބުން ގައުމަށް އެއްވެސް ފައިދާއެއް ވާނެ ކަމެއް ނޫން ކަމަށާއި އެކަމަށް އެއްވެސް މީހަކު ތާއީދު ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހަނގުރާމައަށް ދާ މީހުން އެމީހުންގެ އާއިލާތަކާއި އެކު ދިޔުމުގެ ސަބަބުން ކުޑަކުދިންނަށާއި އަންހެނުން އެކަހެރިވެ މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ ރާއްޖެއަކީ އައިއެސް ކުރިއަރުވާ ތަނެއް ގޮތުގައި އިދިކޮޅު ފަރާތްތަކުން ބޭރު ގައުމުތަކުގައި ރާއްޖެ ބަދުނާމް ކުރަން މަސައްކަތް ކުރާތަން. އެއީ ރާއްޖެއަކީ އައިސް އަށް މީހުން ތަމްރީންކޮށް އެކަންތައް ކުރަމުންދާ ބައެއް ގޮތުގައި ބުނަމުންދޭ. އަޅުގަނޑުމެންގެ އާދޭހަކަށް މިވަނީ އެބޭފުޅުން އަޅުގަނޑުމެންނާ މިކަމުގައި ބައިވެރިވަޑައިގެން އއީ މުޅި ގައުމަށް އޮތް ވިސްނުމަކައި ފިކުރެއް ކަމަށް ދެކި ކެރި ހުރެ އަޅުގަނޑުމެންނާ އެކީ ދެމިތިބުމަށް،" ނިހާން ވިދާޅުވި އެވެ.

ނިހާންއަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ޓެރަރަސްޓުންގެ މައްސަލައަކީ އެޕާޓީއިން ވެސް ވަރަށް ސީރިއަސްކޮށް ނަގައި ކަމެއް ކަމަށާއި އެކަންތައް ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށް އެކަމުގައި އުޅޭ މީހުން ހިފެހެއްޓެން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ސިޔާސީ ވާދެވެރިކަމާއި ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް އެންމެން މިތިބީ މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ކަމަށް އިބޫ ވިދާޅުވި އެވެ.

"މި ސިޔާސަތުގައި މުޅިން ކަހަލަގޮތަކަށް ރައީސް ފާހަގަކޮށްފައި ވަނީ ހަނގުރާމައަށް ދާ ވާހަކަދައްކާ މީހުން ކުއްވެރިކުރާ ވާހަކަ. ނަމަވެސް ހަންގުރާމައަށް ދާ މީހުންނަށް ފަންޑު ކުރާ މީހުންވެސް ހޯދަން ޖެހޭ. އަދި އެގައުމުތަކަށް ޖިހާދުވާން ކަމަށް ދާ މީހުންވެސް ހިފަހައްޓަން ޖެހޭ. މިއީ ބަލަން ޖެހޭ މުހިންމު މައްސަލަތައް. އެކަމަށް ހިޔާލު ތަފާތުވުން ދޫކޮށްލައި އިހުލާސްތެރިކަމާ އެކު އެމްޑީޕީއާ އެކީ މަސައްކަތް ކުރަން ސަރުކާރަށް ގޮވާލަން،" އިބޫ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޯސާ މަނިކު ވިދާޅުވީ ޑިމޮކްރަސީގައި އިދިކޮޅު ހިޔާލަކާއި އެއްކޮޅު ހިޔާލެއް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ދެ ފަރާތުންވެސް މަސައްކަތް ކުރަން ޖެހޭނީ ގައުމަށްޓަކައި ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދެ ޕާޓީ އިން ވެސް ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް މަސައްކަތް ކުރަން ތިބީތީވަރަށް އުފާ ކުރާ ކަމަށް މޫސަ ވިދާޅުވި އެވެ.

މީގެ އިތުރުން ވިލުފުށީ ދާއިރާގެ މެންބަރު، ރިޔާޒް ރަޝީދު ވެސް ވަނީ އެ މައްސަލާގައި ދެ ޕާޓީގެ ޕީޖީ ލީޑަރުން އިސްނަންގަވައިގެން އެކުގައި މަސައްކަތް ކުރަން ނިންމި ކަމަށްޓަކައި ތައުރީފު ކުރައްވައިފަ އެވެ.

އަދާލަތު ޕާޓީ ފަރާތުން މަޖިލީހުގައި އިންނަވާ ހަމައެކަނި މެންބަރު މަކުނުދޫ ދާއިރާގެ އަނާރާ ނައީމް ވިދާޅުވީ ގޮތުގައި ދިވެހިން ހަނގުރާމައަށް ދަނީ އިސްލާމް ދީނުގައި އަންގަވައިފަވާ ގޮތަށް ކަމަށް ބުނެ ހަގީގަތް އޮޅުވައިލައިގެނެވެ. އަދި އެމައްސަލައަކީ ސަރުކާރުންވެސް ކޮންމެހެންވެސް ބަލަން ޖެހޭ ކަމެއް ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް އަނާރާ ފާހަގަ ކުރެއްވި އެވެ.