ރައްޔިތުންގެ މަޖިލިސް

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.

އިސްލާހު ފާސްކުރަން ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް 13 މެންބަރުން ވޯޓު ދެއްވި އެވެ.

މި އިސްލާހުގައި ބުނަނީ ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހުކުރަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް އިސްލާހެއް ހުށަހެޅުއްވި އެވެ.

އެ ގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެނަމަ މެންބަރުކަން ގެއްލޭ ގޮތަށް މީކާއީލް ހުށަހެޅުއްވި އެވެ.

އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން ގޮނޑި ގެއްލޭ ގޮތަށް މީކާއީލް ހުށަހެޅުއްވި އެވެ.

މީގެ އިތުރުން މެންބަރަކު ވަކިކުރަން ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއް ރައްޔިތުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް އެ މެންބަރަކު މަގާމުން ވަކިކުރުމަށް ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނަގާ އާންމު ވޯޓަކުން މެންބަރަކު ވަކިކުރަން މީކާއީލް ހުށަހެޅުއްވި އެވެ.

މީކާއީލްގެ މި ހުށަހެޅުއްވުންތަކަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ތާއީދުކުރެއްވި އެވެ. ނަމަވެސް މަޖިލީހުން މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 77 މެންބަރުން ވޯޓު ދެއްވިއިރު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.