ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބާއްވަން އެޖެންޑާކޮށްފި އެވެ.
މި ޖަލްސާ އެޖެންޑާކޮށްފައިވަނީ މިއަދު ހަވީރު 5:30 އަށެވެ.
މި ޖަލްސާގެ އެޖެންޑާގައި އޮތީ ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާޙިދު ހުށަހެޅުއްވި އިސްލާހުގެ ބިލް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި މި ބިލް މަޖިލީހަށް ތައާރަފުކޮށްފައިވަނީ މިއަދު އެވެ. އެއަށްފަހު ވަނީ ބިލްގެ ބަހުސް ކުރިއަށް ވަނީ ގެންގޮސްފަ އެވެ.
ބިލްގެ ބަހުސްއަށްފަހު ބިލް މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި ބިލް ބަލައިގަންނަން ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިިއިރު ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ. ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 71 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ހެނދުނުގެ ޖަލްސާގައި ބިލް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްވުމުން އެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ދެން ޖަލްސާއެއް އޮންނާނެ ވަގުތު މަޖިލީހުގެ ސެކެރެޓްރިއޭޓުން މެންބަރުންނަށް އަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގެ ހެނދުނުގެ ޖަލްސާ ނިންމާލުމަށްފަހު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރުމުގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެވެ.
މެންބަރު ޝާހިދު ވަނީ ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހު ކުރަންވެސް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވި އެވެ.