ރައްޔިތުންގެ މަޖިލިސް

ނުކުޅެދޭ ކުދިންގެ ކިޔެވުމުގެ ހަރަދު ސަރުކާރުން ދޭން އިސްލާހެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީން ލިބޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހުށަހަޅައިފި އެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމު"ގެ ގާނޫނަށް މެންބަރު ފައިސަލް ނަސީމް ހުށަހެޅި އިސްލާހުގައި ބުނެފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ތައުލީމް ދިނުމަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ ފަރާތަކުން އިހްތިޔާރުކުރާ ކޮންމެވެސް އެއްތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ، މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވެފައިވާ ނުކުޅެދުމެއްގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް އަމިއްލައަށް ފުއްދުމުގެ ގާބިލުކަން ނެތް މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިފަދަ ބިލެއް ފާސްވެ އަމަލުކުރަން ފެށުމުން މާލޭގެ އިތުރުން އަތޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، އެ ފަދަ އާއިލާތަކަށް މިހާރު ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން ސަލާމަތްވެ، ތައުލީމާއި ތަމްރީނު ހޯދުމަށް ފަހި ފުރުސަތުތަކެއް، ތަނަވަސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ 2015 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި، ރާއްޖޭގައި ހިންގާ އެންޖީއޯތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަމްރީނާއި ތައުލީމު ދިނުމުގެ މަސައްކަތްކުރާ ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން އެ އަހަރުގެ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ފަސް މިލިޔަން ރުފިޔާ ހަމަޖެއްސުމަށް ވެސް ހުށަހަޅުއްވާފައެވެ.