އެމްޑީޕީ

ފުލުހަށް ހާޒިރުކުރީ ދެއްކި ވާހަކައަކާ ގުޅިގެން: ޝިފާޒް

ފުލުހަށް ހާޒިރު ކުރީ ޓީވީ ޗެނަލެއްގައި ފުލުސް އިދާރާގައި "ކޮރަޕްޓްވެފައިވާ ވެރިން ތިއްބެވި" ކަމަށް ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑު ވަރަށް އުފާވެއްޖޭ ތި ސުވާލު ކުރެއްވީމަ،" ނޫސް ކޮންފަރެންސެއް ބާވައި ޝިފާޒު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ގާނޫނާ ހިލާފަށް ކަމަށާއި ދެތިން ކަމަކާ ބެހޭގޮތުން އޭނާއާ ސުވާލުކޮށް ބަޔާނެއް ވެސް ނެގި ކަމަށެވެ. ޝިފާޒް ވިދާޅުވީ އޭނާ އަށް ގަބޫލު ކުރެވެނީ އެއީ މީގެ ދެ ރޭ ކުރިން ރާއްޖެ ޓީވީގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށާއި ފުލުހުންނަށް ވެސް އެއީ ސީދާ ކޮން ޓީވީ އެއްގައި އޭނާ ދެއްކި ވާހަކަތަކެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އޭނާއަށް ވެސް އެކަން މިހާރު ނޭނގޭ ކަމަށެވެ.

"އަޅުގަނޑަކީ ފުދޭވަރަކަށް ގިނައިން ޓީވީތަކުގައި ވާހަކަ ދައްކާ މީހެއް. އެހެންވީމަ ކޮން އިރެއްގައި ކަން އަޅުގަނޑަށް ވެސް ނޭނގޭ. އަޅުގަނޑު ހިތަށް އަރައިގެން މި ހުންނަނީ މީގެ ދެ ރޭ ކުރިން ރާއްޖެ ޓީވީގައި ކަމަށް،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރި ކަންކަމުގެ ތެރޭގައި ރޭގައި ބޭއްވި ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގާފައި އޮއްވާ އެ ހިނގާލުން ބާއްވާފައިވާތީ އެކަމާވެސް ސުވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވަނީ ސުލްހަވެރިކަމާއެކު ކަމަށެވެ. އަދި އެފަަދަ ހަރަކާތެއް ހިންގުމުގެ ހުއްދައަކީ ފުލުހުންގެ ކިބައިން ހޯދަން ޖެހޭ ހުއްދައެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ޝިފާޒް ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ ޝިފާޒް ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއް ވެސް ނެތި ކަމަށާއި ހައްޔަރުކުރި އިރު ކުށެއްގެ ތުހުމަތު ކުރެވިގެން ކަމަށް ވެސް އަދި މައްސަލައެއްގެ ތަހުގީގްއެއް ކަމެއް ކަމަށްވެސް ބުނެފައިވާ ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީވަނީ ފުލުހުން ރޭގައި "ޝިފާޒް ވަގަށް ނެގި" ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި އެއީ ފުލުހުން ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތާކަމުގެ ހަރުދަނާ މިސާލެއް ކަމަށެވެ.

ޝިފާޒު ރޭ ފުލުހަށް ހާޒިރު ކުރީ އެމްޑީޕީއަށް 11 އަހަރު ފުރުމުގެ އުފުލުގައި އެ ޕާޓީން ބާއްވަން އުުޅުނު ހިނގާލުމަށް ދާން ގެއިން ނުކުންނެވި ވަގުތު އެވެ. ޝިފާޒް ދޫކޮށްލާފައި ވަނީ ރޭ 11:30 އެހާކަންހާއިރު އެވެ.

އެމްޑީޕީގެ ހިނގާލުން ފެށި ނަމަވެސް ފުލުހުން ވަނީ އެ ހިނގާލުން ހުއްޓުވާފަ އެވެ. ފުލުހުން ކުރިން ވެސް އޮތީ ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފަ އެވެ.