ރާއްޖެ ކުޅިވަރު

އަންހެން ފުޓްބޯޅަ ލީގު ބާއްވަން އެފްއޭއެމް ތައްޔާރުވެއްޖެ

އެފްއޭއެމްއިން މިއަހަރު އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން ނިންމާފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ބަޖެޓް ފާސް ކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި އެކްސްޓްރޯ އޮޑިނަރީ ކޮންގރެސްގައި ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން އެއިދާރާއިން ބުނީ މި އަހަރު އަންހެން ފުޓްބޯޅަ ލީގެއް ބޭއްވުމަށް ބަޖެޓްގައި ފައިސާ ކަނޑައަޅައިފައިވާނެ ކަމަށެވެ.

އެފްއޭމްއިން ދަނީ މިހާރުވެސް އަންހެން ފުޓްބޯޅަ ޓޯނަމަންޓެއް ބާއްވަމުންނެވެ. އޮފިޝަލް ވިދާޅުވީ ލީގްގެ އިތުރުން އަންހެން ފުޓްބޯޅަ ޓޯޏަމަންޓަށާ އަންހެން ފުޓްސަލް މުބާރާތަށްވެސް ބަޖެޓް ކުރެވިފައިވާނެ ކަމަށެވެ.

އަންހެން ފުޓްބޯޅައިގެ ހަރަކާތްތަކަށް އެފްއޭއެމްއިން ވަނީ 2.08 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު ސެޕްޓެމްބަރު މަހު އިންޑިއާގައި ބާއްވާ އަންހެން ސާފް ޗެމްޕިއަންޝިޕަށެވެ. އެގޮތުން އައްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ސާފް ޗެމްޕިއަންޝިޕަށް ހަރަދު ކުރުމަށް ވަނި ހަމަޖެހިފައެވެ.