މިދިޔަ ދެ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި މަހިބަދޫ ސްޕޯޓްސް ކުލަބު އިތުރުން، ދެ ވަނަ ޑިވިޝަންގެ ކުލަބު ގްރީން ސްޓްރީޓަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަން ދިނުމަށް އެފްއޭއެމްއިން ނިންމައިފިއެވެ.
މަހިބަދޫއާއި ގްރީން ސްޓްރީޓަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަން ދިނުމަށް، ނިންމާފައިވަނީ މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ހުށަހަޅައި އެކަން ކޮންގްރެސްއިން ފާސް ކުރުމުންނެވެ.
އެފްއޭއެމްގެ މެންބަރުކަން ހޯދުމަށް، މަހިބަދޫއިން ވަނީ މީގެ ކުރިން ހުށަހަޅާފައެވެ. ނަމަވެސް އެފްއޭއެމްގެ ދާއިމީ މެންބަރުކަން ދިނުމަށް އެކުލަބު ޝަރުތު ހަމަނުވާ ކަމަށް އެފްއޭއެމްއިން މީގެ ކުރިން ބުނެފައިވާކަމަށް މަހިބަދޫގެ އޮފިޝަލަކު ވަނީ ކުރިން ވިދާޅުވެފައެވެ.
އެފްއޭއެމްގެ މެންބަރަކަށް ނުވުމުން، އެފްއޭއެމްގެ އަސާސީ ގަވާއިދު ފާސް ކުރުމަށް ބޭއްވި ކޮންގްރެސްތަކުގަޔާއި، އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި އެކުލަބަށް ފުރުސަތު ލިބިފައެއް ނުވެއެވެ.
މަހިބަދޫ ސްޕޯޓްސްގެ އެއް ފައުންޑަރު އަދި އެފްއޭއެމްގެ މިހާރުގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) މިއަދު ކޮންގްރެސްގައި ވިދާޅުވީ "ކުރިންވެސް މަހިބަދޫ އަކީ އެފްއޭއެމްގެ ދާއިމީ މެންބަރުކަމަށް ޝަރުތު ހަމަވާ ކުލަބެއް" ކަމަށެވެ.
މަހިބަދޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިން ރައްޖޭގެ ފުޓްބޯޅަގައި ހަރަކާތްތެރިވެއެވެ. ޓޮމްގެ އިތުރުން، ރާއްޖޭގެ އެއް ނަމްބަރު ކީޕަރު އިމްރާން މުހައްމަދާއި، މިވަގުތު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުރި، އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިޔާޒު މުޙައްމަދާއި މަހިބަދޫގެ އެއްބަނޑުއެއްބަފާ ދެބެން ކަމުގައިވާ ގައުމީ ޓީމުގެ ޑިފެންސަށް ކުޅޭ ސަމޫހް އަލީ އާއި ގާސިމް ޝައއްމާމްއާއި ނިއުޜެޑިއަންޓްގެ އިއްޒަތުއަކީވެސް މަހިބަދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
މިދިޔަ އހަރު ލީގް ފުލަށް ދިއުމުން މަހިބަދޫ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.