ހަބަރު

މުލަކު ގެއެއްގެ ބިމު އަޑިން އާދަޔާ ހިލާފަށް ދުން އަރަނީ

މ. މުލަކު ގެއެއްގެ ދޮރާށިން ކައިރި ބިމު އަޑިން އާދަޔާ ހިލާފަށް ދުން އަރާތީ، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. އެތަނުން ދުން އަރާތީ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަދާޔާ ހިލާފަށް ގެއެެއްގެ ބިމު އަޑިން ދުން އަރާތީ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެގޮތަށް ދުން އަރަނީ ކަރަންޓުގެ މައްސަލައެއްގެ ސަބަބުންތޯ ބެލި ނަމަވެސް އެއީ ކަރަންޓުގެ މައްސަލައެއްގައި އަރާ ދުމެއް ކަމަށް ފާހަގަވެފައިނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ދުން އަރާ ތަން ކޮނެގެން ވެސް ބަލާފައިވާ ކަމަށާއި އެތަނުގެ ފެން ވެސް ހޫނު ކަމަށެވެ. މިހާރު ފުލުހުން ވަނީ އެ ސަރަހައްދު ކޯޑަން ކޮށްފަ އެވެ.

މ. މުލަކު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނިޒާރު އަވަސްއަށް ވިދާޅުވީ، އެ ސަރަހައްދުން ދުން އަރާކަން މިއަދު ފުލުހުންނަށް މެންދުރުފަހު ހުށަހަޅާފައިވީ ނަމަވެސް އެ ގޭ މީހުންނަށް އެކަން މީގެ ދެތިން ދުވަހެއް ކުރިން ފާހަގަވެފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ، އެމްއެންޑީއެފާއި ޑިޒާސްޓާ މެނޭޖުމެންޓުން އެ ކައުންސިލަށް އަންގަމުންދާ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި އެ ރަށުގައި އެމްއެންޑީއެފްގެ ކަމާ ބެހޭ އެއްވެސް މީހެއް ނެތް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުން ސާންޕަލްތައް ނަގައި ފުލުހުން ތަހުލީލުކުރަން ފަށާފައިވާއިރު ޑިޒާސްޓާއިން އަންގައިގެން އެ ސަރަހައްދުގެ ފިނިހޫނުމިން ވެސް ވަނީ ބަލާފަ އެވެ. ނިޒާރު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ފިނިހޫނުމިން ހުރީ 63 ޑިގްރީ ސެލްސިއަސްގަ އެވެ.