ވިޔަފާރި

ޖުމޭރާ "ސާދިޔަތު" ރިސޯޓް 2017 ވަނަ އަހަރު ހުޅުވަނީ

Feb 18, 2015

އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން އަބޫދާބީގައި ހަދާ ޖުމެއިރާ "ސާދިޔަތު" ރިސޯޓް 2017 ވަނަ އަހަރު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަބޫދާބީގެ އަމީރު ޝެއިހު ޝުރޫރު ބިން މުހައްމަދު އަލް ނަހްޔާންގެ މި ރިސޯޓަކީ އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހަދާ މި ރިސޯޓެކެވެ.

މި ރިސޯޓް އޮޕަރޭޓް ކޮށް ހިންގަނީ ރާއްޖޭގައި ރިސޯޓް ހިންގަމުން ގެންދާ ޖުމެއިރާ ގްރޫޕުންނެވެ.

އެންމެ މުއްސަނދި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ހާއްސަކޮށްގެން ހަދާ ޕްރެޒިޑެންޓް ސުވިޓްސް އާއި ޕްރައިވެޓް ހައި އެންޑް ވިލާތަކާއިއެކު ހަދާ މި ރިސޯޓުގައި 294 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި ބޮޑެތި ސުވިމިން ޕޫލްތަކާއި އާޓިފިޝަލް ބީޗްތައް ވެސް ހަދާފައި ހުރެ އެވެ.

ޖުމޭރާ ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގައި ރިސޯޓުތައް ހިންގަމުންދެ އެވެ. މި ކުންފުނިން ރާއްޖޭގައި ވެސް ދެ ރިސޯޓެއް ހިންގަ އެވެ. އެއީ ޖުމޭރާ ވަޓަލެވި ރިސޯޓާއި ޖުމޭރާ ދެވަނަފުށި ރިސޯޓެވެ.