ވިޔަފާރި

ދިރާގުން ހިއްސާއަކަށް 4.72ރ. ބަހަން ނިންމައިފި

Feb 18, 2015

މިދިޔަ އަހަރުގެ ފައިދާއިން ދިރާގުގެ ހިއްސާއަކަށް 4.72ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން ބުނީ ފައިނަލް ޑިވިޑެންޓުގެ ގޮތުގައި 358 މިލިއަން ރުފިޔާ ކަނޑައަޅައި، އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"..މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާއަށް އިއުލާނުކުރެވޭ 'ބުކް ކްލޯޝާ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައި ލިސްޓްކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށެވެ،" ދިރާގުން ބުންޏެވެ.

ދިރާގުން 2013 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރަކަށް ޑިވިޑެންޑުގެ ގޮތުގައި ޖެހިފައިވަނީ 5.72ރ. އެވެ. އަދި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު 483 މިލިއަން ރުފިޔާގެ ސާފު ފައިދާގެ ތެރެއިން ބަހާފައިވަނީ 435 މިލިއަން ރުފިޔާ އެވެ.

ދިރާގަށް 2013 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ހަރަދަށް މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 712 މިލިއަން ރުފިޔާ އެވެ.