ލައިފްސްޓައިލް

މިސްޓަ ވޯލްޑްގެ ޝަރަފު ފުރަތަމަ ފަހަރަށް އޭޝިއާ މީހަކަށް!

Jul 20, 2016
6

ދުނިޔޭގެ އެންމެ ރީތި ފިރިހެނާއަށް ދޭ ލަގަބު "މިސްޓާ ވޯލްޑް" ނުވަތަ ދުނިޔޭގެ އެންމެ ރީތި ފިރިހެނާގެ ލަގަބު ފުރަތަމަ ފަހަރަށް އޭޝިއާ މީހަކަށް ލިބިއްޖެ އެވެ. މިއަހަރުގެ މިސްޓަ ވޯލްޑްގެ ލަގަބު ހޯދާފައިވަނީ އިންޑިއާގެ މޮޑެލް ރޯހިތު ކަންޑެވާލް 26، އަށެވެ.

ރޯހިތު އަށް އެންމެ ރީތި ފިރިހެނަކަށް ހޮވިފައި ވަނީ އިއްޔެ އެމެރިކާގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި 46 ބައިވެރިންނާ ވާދަކޮށްގެންނެވެ.

"މިސްޓަ ވޯލްޑްގެ މަގާމް ލިބުނީ އެތައް ބައެއްގެ ދުއާ އާއި ތަރުހީބުގެ ސަބަބުން. މިހާ ހިސާބަށް އާދެވުމަކީވެސް ވަރަށް ތަފާތު އަދި އުފާވެރި ތަޖުރިބާއެއް. ދެން ވާނެ ގޮތް ބަލައިލަން ކެތް މަދުވެފައި މިހިރީ" ރޯހިތު ބުނެފައިވެ އެވެ.

ރޯހިތުއަށް އެންމެ ރީތި ފިރިހެނާގެ ލަގަބު ލިބުމާއެކު 2014 ވަނަ އަހަރުގެ އެންމެ ރީތި ފިރިހެނާގެ ލަގަބު ލިބުނު ނިކްލަސް ޕެޑާސަން އާ އެކު އޭނާ ވަނީ އިންސްޓަގްރާމް އަށް ފޮޓޯއެއްް ވެސްލައިފަ އެވެ.

މިއަހަރުގެ ދުނިޔޭގެ އެންމެ ރީތި ފިރިހެނާގެ ރަނަރަޕް ހޯދާފައިވަނީ ފެނާންދޯ އަލްވަރޭޒް 21، އެވެ. އަދި ދެ ވަނަ ރަނަރަޕް ހޯދާފައިވަނީ މިސްޓަ މެކްސިކޯ، އަލްޑޯ އެސްޕަރްޒާ ރާމިރޭޒް އެވެ.

މިސްޓަވޯލްޑް މުބާރާތަކީ، 12 ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަފާތު ފަސް ޗެލެންޖެއްވެސް ފުރިހަމަ ކުރަން ޖެހޭ މުބާރާތެކެވެ. މި މުބާރާތުން ރޯހިތު ވަނީ "މިސްޓަ މަލްޓިމީޑިއާ"ގެ ލަގަބުވެސް ހޯދާފަ އެވެ.