ރައްޔިތުންގެ މަޖިލިސް

އަބުރުގެ ބިލުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާނަން: މެންބަރުން

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލުގައި ކަންބޮޑުވާފަދަ ބައެއް މާއްދާތައް އެބަހުރި ކަމަށާއި އެ މާއްދާތައް އިސްލާހުކޮށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ބިލް ދިރާސާ ކުރާ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ޕީޕީއެމްގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ. މެންބަރުން މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް އެ ބޭފުޅުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަ އެވެ.

އަބުރު ރައްކާތެރި ކުރުމުގެ ބިލު ދިރާސާ ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ 11 މެންބަރުންގެ ވަގުތީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްސީގެ ރައީސް މުހައްމަދު އާސިފު (މޮންދު) މިއަދު ވިދާޅުވީ އަބުރުގެ ބިލެއް ދެވަނަ ފަހަރަށް ޑްރާޓްވެގެން އައި އިރުވެސް އެ ކައުންސިލްގެ ހިޔާލެއް ނުހޯއްދަވާ ކަމަށެވެ. ނަމަވެސް ކުރިން ކަންބޮޑުވުން ހުރި ބައެއް ކަންކަމަށް ކޮންމެވެސް ވަރަކަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ގިނަ ނޫސްވެރިންނާއި މީޑިއާ ކައުންސިލްގެ މެންބަރުންގެ ކަންބޮޑުވުން ހުރި ވަކިވަކި މާއްދާތައް ފާހަގަ ކުރައްވަމުން އެކައުންސިލްގެ މެންބަރު ވިދާޅުވީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތައް ރައްދުވާ ފަރާތެއްގެ ބަސް ނުހޯދިއްޖެ ނަމަ ރިޕޯޓު ނުކުރެވޭނެތީ އޭގެ ސަބަބުން މުހިންމު ހަބަރުތަކުގެ ތާޒާކަން ގެއްލި އަދި އެއްގޮތަކަށް ވެސް ރިޕޯޓު ނުކުރެވޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ.

އަދި އިސްތުއުނާފު ކުރަން ޖެހޭނީ ބޮޑު ޖޫރިމަނާއެއް ދެއްކުމަށް ފަހުގައި ކަމަށް އޮންނަ މާއްދާއާއި ބިލުގައި އަބުރު މާނަކޮށްފައި އޮންނަ ގޮތްތުން ވެސް ނުހައްގުން "ފްރޭމް" ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

"ޕޯޑިއަމްއެއްގައި މީހަކު ދައްކާވާހަކައެއް ރައްދުވާ މީހާއަށް ގުޅުމުން އެމީހަކު ފޯން ނިވާލައިފަ ނޫނީ ފޯން ނުނަގާ އެހާ ހިސާބުން ހަބަރު މަރުވީ. އެމީހެއް ފޯން ނިއްވާލައިގެން ބޭރު ގައުމުގައި ވެސް ހުރިދާނެ. އެހެންވެއްޖެއާ ގުޅޭނެ އެއްވެސް ގޮތެއް ނެތް. ހަބަރު އޭގެ ތާޒާކަން މަތީގައި ގެނެސްދެނޭނެ ގޮތެއް މި ބިލުގައި ނެތް،" އެމްއެމްސީގެ މެންބަރު އަހުމަދު ހަމްދޫން ވިދާޅުވި އެވެ. "ބިލުގައި ޖޫރިމަނާކުރާ އަދަދު ކުރީގެ ބިލަށް ވުރެ 60 ޕަސަންޓު ކުޑަ ނަމަވެސް ކުރީގެ ބިލުގެ އަދަދު އައީ ކިހިނެތްތޯ. މަރުގެ ދިޔާގެ ބަދަލުގައި އެއްލައްކަ ރުފިޔާ މި ނަގަނީ. އެކަމަކު މި ބިލުން މިއަންނަނީ އޭގެ 20 ގުނަ އިތުރު އަދަދެއް. އެހެންވެ މި އަދަދު އެކަށޭނެ އަދަދެއް ކަނޑައަޅަން ޖެހޭ،" އެމްއެމްސީގެ މެންބަރު މުހައްމަދު އާމިރު އަހުމަދު ވިދާޅުވި އެވެ.

"މީހަކު ޖޫރިމަނާ ދައްކަން ވެގެން ގެދޮރު ވިއްކާލާ ޖޫރިމަނާ ދެއްކުމުން ދެން އިސްތިއުނާފުގައި ނިމިދާނެ އަބުރާ ބެހެވުން ކަމަށް ނުބެލެވޭކަމަށް. މިހާލަތެއްގައި ދެން އެ ގެ އަނބުރާ ލިބޭނެތޯ. އެހެންވެ އެ މާއްދާވެސް އިސްލާހު ކުރަން ޖެހޭ،" އެމްއެމްސީގެ ނައިބު ރައީސް އަހުމަދު ޝަރީފް ނަފީސް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ޕީޕީއެމްގެ ބައެއް މެންބަރުން ވިދާޅުވީ އެ ކައުންސިލުން ފާހަގަ ކުރީ އިސްލާހު ކުރަން ޖެހޭ ވަރަށް މުހިންމު ކަންތައްތައް ކަމަށެވެ. އަދި އަބުރަށް އަރައިގަތުމުގެ ފުރުސަތު ނުދީ މީީޑިއާގެ ކަންބޮޑުވުންތައް ވެސް ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބިލު ހުށަހެޅި މެންބަރު ވެސް ވިދާޅުވީ ކޮމިޓީ މަރުހަލާގައި އެކަންކަމަށް ރިޔާއަތްކޮށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ބިލުގައި ފާހަގަ ކުރެއްވި ވަރަށް މުހިންމު އެއްކަމެއް އެއީ އިސްތިއުނާފް މަރުހަލާ ނުލިބޭ ހައްގު. އެގޮތަށް އެކަން އޮވެގެން ނުވާނެ ކަމަށް ގަބޫލު ކުރަން. އަދި ކޮމިޓީއިން ބަދަލުވެސް ގެންނާނެ ކަމަށް އުންމީދު ކުރަން. އަދި ޖޫރިމަނާއަކީވެސް ވަރަށް ވިސްނަން ޖެހޭ މައްސަލައެއް ކަން ގަބޫލު ކުރަން،" މެންބަރު މޫސާ ނިޒާރް އިބްރާހިމް ވިދާޅުވި އެވެ.

އަބުރުގެ ބިލާ ގުޅިގެން މީޑިއާ ކައުންސިލް ހާޒިރުކޮށް ހިޔާލުތައް ހޯދާފައިވާ އިރު އިތުރު 13 އިދާރާއެއްގެ ހިޔާލު ހޯދަން ވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމެޝިނާއި އޭޖީއާ އާއި ޕީޖީ އާއި ފުލުހުންނާއި އެމްއެންޑީއެފާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި މީޑިއާތަކާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އާއި ގައުމީ ޔުނިވާސިޓީ އާއި ލޯޔަރުންގެ ޖަމިއްޔާއެއްވާނަމަ އެ ފަރާތަކާއި ބްރޯޑްކޮމްގެ އިތުރުން ފިގުހު އެކަޑަމީ އަދި ފިލްމު އެސޯސިއޭޝަން ހިމެނެ އެވެ.