- ވިޔަފާރި އުފަންވީ ގެޓްސެޓުން
- ޑިމާންޑް ބޮޑު، ރަނގަޅު ވިޔަފާރިއެއް
- ބޭނުންވަނީ ގައުމަށް ރީތިނަން ހޯދައި ދޭން
މިއީ ތިން ޒުވާނުންގެ ހަތް އަހަރުވީ ހުވަފެނެކެވެ. ބޭނުންވީ އޮންލައިން ގޭމް ކުޅޭނެ ސެންޓަރެއް ހަދާށެވެ. އޮންލައިން ގޭމިންގެ ވިޔަފާރިއެއް އުފެއްދުމެވެ. ނަމަވެސް، މި ހުވަފެނުގައި ކުލަޖެހުމަށް ހުރަހަކަށްވީ މާލީ ތަނަވަސްކަން ނެތުމެވެ. މިހެން ތިއްބައި، ތިން ޒުވާނުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސީ "ގެޓްސެޓް" ލޯނެ އެވެ. މިއާއެކު، ތިން އެކުވެރިން އަތުގުޅާލައި އުފެއްދީ، ސޯޝަލް ގޭމާސް (އެސްޖީ) އެވެ. މިއަދު މިއީ އޮންލައިން ގޭމިންގެ ވިޔަފާރިއެކެވެ.
"ވަރަށް ކުރިއްސުރެ ގޭމް ކުޅެން. އޭރުއްސުރެން އޮތް އައިޑިއާއެއް މިއީ. ދެކެމުން އައި ހުވަފެނެއް. އަޅުގަނޑުމެން ތިން މީހުން [ހުސެއިން ފިރާޝް، ހުސެއިން ޝައްފާފު، އަހުމަދު ޝަބީން ] މި ހުވަފެން ދެމުން އަންނަތާ ހަތް އަހަރު ވެއްޖެ. އޭރު ވެސް ހިތަށް އަރާ ފުރުސަތެއް ލިބޭނެ ބާވައޭ.؟" އޮންލައިން ގޭމް ކުޅުމަށް ގެޓްސެޓް ލޯނުން އުފެއްދި، ސޯޝަލް ގޭމާސް މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަބީން ބުންޏެވެ.
"އެސްޖި" އުފެދުނުތާ އަދިވީ އެންމެ ތިން މަސް ދުވަހެވެ. މި ގޭމިން ސެންޓަރު މެދުވެރިކޮށް ޒުވާނުންނަށް ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި މީހުންނާ އޮންލައިންކޮށް ގޭމިންގައި ވާދަކުރުމުގެ ފުރުސަތު އޮވެ އެވެ. މިއަދު މި ސެންޓަރު ދަނީ ޒުވާނުންގެ މެދުގައި މަގުބޫލުވަމުންނެވެ.
ޝިފާއު ބުނީ މި އެސްޖީގެ ނަމުގައި ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ސެންޓަރު ހެދުމުގެ ކުރިން ރިސާޗް ހަދައި، މިކަމަށް އޮތް ޑިމާންޑް ޔަގީންކުރި ކަމަށެވެ.
"ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ އޮންލައިން ގޭމް ކުޅޭ މީހެއް. މިވަރުގެ ޑިމާންޑެއް އޮންކަމެއް މިއީ. އެއް ގޮތަކުން މިއީ ހިދުމަތެއް،" ހ. ޓިގޯ (މާވަޑިސްޓޯރު ގޯޅީ) ގައި ހުޅުވާފައިވާ ގޭމް ސެންޓަރުން ވާހަކަ ދެއްކި، ޝަބީން ބުންޏެވެ.
އޭނާ ބުނީ އެސްޖީގެ މަގުސަދަކީ އޮންލައިން ގޭމް ކުޅޭނެ ގައުމީ ޓީމެއް ރާއްޖޭގައި އުފައްދައި، ގައުމަށް ރީތިނަން ހޯދައިދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ދިވެހި ޒުވާނުން އޮންލައިން ގޭމިންގެ ރޮނގުން ކުރިއެރުވުން. ކުރިއަރައިގެން ގޮސް ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ އޮންލައިން މުބާރާތްތަކުގައި ވާދަކޮށް ގައުމަށް ރީތިނަން ހޯދައިދިނުން،" ޝަބީން ބުންޏެވެ
"ގެޓްސެޓްއަކީ ބޮޑު"
އެސްޖީ ގޭމް ސެންޓަރު ހަދާފައިވަނީ އޮންލައިން ގޭމިންގެ އެންމެ ފަހުގެ ސިސްޓަމްތަކާއެކުގަ އެވެ. މިތަނުގައި ހުރީ ގޭމިންގެ އެންމެ ޒަމާނީ ސިސްޓަމް ތަކެވެ. މި ސިސްޓަމްތައް ހޯދުމަށް މާލީ ގޮތުން އެހީއަކަށްވީ ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ދޫކުރި ގެޓްސެޓް ލޯނެވެ. މި ވިޔަފާރި އުފަންވެފައިވަނީ ގާތްގަނޑަކަށް އަށްލައްކަ ރުފިޔާގެ އިންވެސްޓްމަންޓަކުންނެވެ.
ޝަބީން ބުނީ ގެޓްސެޓް ލޯނު ހޯދުމަށް ރަނގަޅު ޕްރޮޕޯސަލެއް ތިން ޒުވާނުން ތައްޔާރުކުރި ކަމަށާއި، އިކޮނޮމިކް މިނިސްޓްރީން ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޭ، "އިން-ހައުސް" ތަމްރީންތަކުގެ ސަބަބުން ވިޔަފާރިއަށް ލޯހުޅުވިގެން ދިޔަ ކަމަށެވެ.
"ގެޓްސެޓުގެ ޕްރޮސެސް ތެރޭގައި ހުރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފަށާ މީހުންނަށް އިން-ހައުސްޓް ޓްރެއިން ތަކެއް. އަސްލު މި ޓްރެއިންތަކުން ވަރަށް ބޮޑަށް ލޯހުޅުވިގެން ދިޔަ ވިޔަފާރީގެ އެކި ކަންތައްތަކަށް. އަޅުގަނޑުމެންނަކީ ވިޔަފާރީގައި ދުވަހަކު ވެސް އުޅުނު ބައެއް ނޫން. މި ޓްރެއިންތަކުން ވަރަށް ބައިވަރު އެއްޗިހިތަކެއް އެނގުނު. މީގެ އިތުރުން އެމެރިކަން އެމްބަސީއިން ވެސް ތަމްރީންތަކެއް ދިން،" ޝަބީން ބުންޏެވެ.
އޭނާ ބުނީ މިއީ ބޮޑު ވިޔަފާރިއެއް ކަމަށާއި، މިކަން ވަރަށް ބޮޑަށް ފުޅާކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ދެނީ ފެންވަރު ރަނގަޅު ކަނެކްޝަނާއެކު، ހައި އެންޑް ސިސްޓަމްގައި ގޭމް ކުޅެލަން. އެހެންވެ ވަރަށް ގިނަ ޒުވާނުން އާދެ ހިދުމަތް ހޯދަން،" ޝަބީން ބުންޏެވެ.
"އެސްޖީ" ގޭމިން ސެންޓަރުގެ މެންބަރަކަށް ހިލޭ ވެވޭނެ އެވެ. މި ތަނުގައި ފުރަތަމަ ރަޖިސްޓްރީވާ ކޮންމެ މެންބަރަކަށް ވެސް ގޭމިންގެ އަޖުމަ ބަލައިލަން ބައިގަޑިއިރު ހިލޭ ދޭނެ އެވެ. މީގެ އިތުރުން ގޭމް ކުޅެން ތަފާތު ޕެކޭޖުތަކެއް މި ތަނުން ވިއްކާނެ އެވެ.
"މި [އެސްޖީ] އިން ހުރިހާ ބޭފުޅުންނަށް ވެސް މަރުހަބާ ކިޔަން. ގޭމް ކުޅެން ބޭނުންވާ ބޭފުޅުން ހަމަ އަންނަންވީ،" ޝަބީން ބުންޏެވެ.
ޝަބީން ބުނި ގޮތުގައި ގޭމް ސެންޓަރު އިޝްތިހާރު ކުރަން ގިނަ މަސައްކަ ތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނެ ކަމަށާއި، އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"މިހާރު ވެސް މި ތަން އިޝްތިހާރު ކޮށްގެން ވެސް އިންކަން ލިބޭ. ކޮސްޓް ކަވަރު ކުރެވޭ. ވަރަށް ރަނގަޅޭ ބުނެވޭނީ،" ޝަބީން ބުންޏެވެ.
"އެސްޖީ" ގޭމިން އިން މިހާރު ރާވަމުން ދަނީ ބޮޑެތި ކުންފުނިތަކާއެކު ހާއްސަ އެއްބަސްވުން ތަކެއް ހެދުމެވެ. ބޭނުމަކީ ވިޔަފާރި އިތުރަށް ފުޅާކޮށް، އިޝްތިހާރު ކުރުމެވެ. މިއާއެކު ރާއްޖޭގެ އެކި ހިސާބުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރަން ފަށާނެ އެވެ.
ޝަބީން ބުނި ގޮތުގައި މި ތަނުގައި ދުނިޔޭގައި އެންމެ މަޝްހޫރުކޮށް ކުޅޭ ގޭމްތަކުގެ މުބާރާތްތައް އޮންނާނެ ކަމަށެވެ.
"މި ތަން މިހުރީ ދުނިޔޭގައި މަޝްހޫރުކޮށް ކުޅޭ ގޭމްތައް ކުޅެވޭ ގޮތަށް. އަޅުގަނޑުމެން މިހާރު އެބަ ބާއްވަން ވީކްލީ ގޭމިން މުބާރަތްތައް ވެސް. ކޮންމެ އާދިއްތަ ދުވަހު އޮންނާނެ. ގޭމް ވިން [ކާމިޔާބު] ކުރުމުން ކުދި އިނާމުތައް ވެސް ލިބޭނެ،" ޝަބީން ބުންޏެވެ.
އޭނާ ބުނީ މުސްތަގުބަލުގައި ވިޔަފާރި ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެ މަސައްކަތް ކުރިއަށް އޮތް އަހަރުތެރޭގައި ފަށާނެ ކަމަށް ޝަބީން ބުންޏެވެ.
"މިހާރު މިހުރީ ކޮންޕިއުޓަރު ގޭމް. އެކަމަކު އިރާދުކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ޕީއެސްފޯ ކޮންސޮލް ގޭމާ ވެސް ހުންނާނެ. އަދި ޒުވާނުންނަށް ގޭމިންގެ ތަމްރީން ދިނުމަކީވެސް ހުވަފެނެއް،" ޝަބީން ބުންޏެވެ.
ތިން ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ. މިހާރު މި ޒުވާނުންގެ މަގުސަދަކީ އެހެން ޒުވާނުންނަށް މިސާލު ދައްކަމުން ރާއްޖެއަށް ރީތިނަން ހޯދައި ދިނުމެވެ. އޮންލައިން ގޭމިންގެ ގައުމީ ޓީމެއް އުފެއްދުމެވެ.