މޯލްޑިވްސް ޕޮލިސް ސާވިސް

ރަހްމުކުޑަ ހަމަލާތަކެއް، އާންމުން އެދެނީ އަދަބު ދިނުމަށް

އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން އެ ކުއްޖާއަށް އަނިޔާ ކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައި ގޮވުންތަކުގެ އަޑު ސޯޝަލްމީޑިއާގައި ގުގުމާލައިފި އެވެ.

ރޭގެ ވަގުތެއްގައި އާންމުވި ވީޑިއޯ އިން ފެންނަނީ އއ. ރަސްދޫ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މަންޒަރު ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. އަދި ކުޑަކުއްޖާއަށް އަނިޔާ ކުރަނީވެސް ކުޑަ ދެ ކުދިން ކަމަށްވާ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މިވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން އަންނާނެ ފަދަ މަންޒަރުތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލްމީޑީއާގައި ދައުރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އަނިޔާ ލިބުނު ކުއްޖާ އަކީ ޗުއްޓީއެއްގައި ރަސްދޫއަށް ގޮސް ހުރި އއ. މަތިވެރި ކުއްޖެއް ކަމަށް އެނގިފައިވެ އެވެ.

ވީޑިއޯ އާންމުވުމާ އެކު ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ވީޑިއޯ އާއި ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ މިމައްސަލައިގައި މުޅިންވެސް ހިމެނެނީ ކުޑަކުދިން ކަމަށްވާތީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބަލައި ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ކުޑަކުދިންގެ ތެރޭގައިވެސް ޖިނާއީ ކުށްތަކުގެ ތެރޭގައި އުޅޭ ކުދިން ގިނަވަމުންދާތީ އާއި ޖީނާއީ ކުށެއް ކޮށްފިނަމަ އެކަމެއް ބަލައި އެ ކުށަކާ އަދި އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތުން ފިޔަވަޅު އެޅޭނެ ހަރުދަނާ އުސޫލުތަކެއް ހެދިފައި އޮންނަންޖެހޭ ކަމަށްވެސް ބުންޏެވެ.

"އެ ކުއްޖާއަށް ހާދަ އަނިޔާއެކޭ އެ ކުރަނީ. އެވަރުގެ އަނިޔާއެއް ދޭއިރު އެއީ ކުޑަކުދިން ކަމަށް ބަލާފައި ދޫކޮށްލެވިގެން ނުވާނެ. ކޮންމެވެސް އަދަބެއް އަންނަންވާނެ. އެހެން ދޫކޮށްލާނަމަ އެ ލިބެނީ ކުށް ކުރަން އިތުރު ހިތްވަރެއް. މިފަދަ އަމަލުތައް ހުއްޓުވަން އެބަޖެހޭ،" އާންމުންގެ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އާންމު އެހެން މީހަކު ބުނި ގޮތުގައި ކުޑަކުއްޖަކަށް ނަފްސާނީ އަދި ބޮޑެތި ޖިސްމާނީ އަނިޔާތަކެއް އެ އުމުރުގެ އެހެން ކުދިންތަކެއް ދޭއިރު އެއީ އަނިޔާ ލިބޭ ކުއްޖާއަށް މުޅި އުމުރަށް އަސަރުކުރާނެ ކަންކަމަށްވާތީ މިފަދަ މައްސަލަތަކެއް ކުޑަކުޑަ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި ހަގީގަތުގައި ސްކޫލުތަކުގެ ތެރޭގައި އެއް އުމުރުފުރާ ކުދިންގެ މެދުގައި މިއީ އާންމުންނަށް ތިލަނުވެ އެކަމަކު އާންމުކޮށް ހިނގަމުންދާ މައްސަލައެއް. މިއީ ހައްލުކުރަންޖެހޭ އެހެން ނޫނީ އެތައް ކުއްޖަކަށް ގެއްލުން ލިބިދާނެ ފަދަ އަމަލުތަކެއް،" ވީޑިއޯ ފެނިފައި ކަންބޮޑުވި މީހަކު ބުންޏެވެ.

ވީޑިއޯ ފެންނަނީ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުއްޖާ ހިފަހައްޓައިގެން ތިބެ އެ ކުއްޖާއަށް ބުލީކޮށް، އަތާއި ފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާއަށް ތަދުވާތީ ކުޑަކަކޫ މައްޗަށް ތިރިވެ އަނިޔާ ނުކުރުމަށް އެދި އާދޭސް ކުރާ މަންޒަރުވެސް ފެނެ އެވެ. އެކަމަކު އެ އާދޭހަށްވެސް ބެލުމެއް ނެތި އަދި ވަރަށް ހުތުރު ބަސްތައް ބޭނުންކުރަމުން ކުއްޖާއަށް އަނިޔާ ކުރަމުން ދިޔަ އެވެ. އަދި އެ ކުއްޖާގެ އަތުގައި އޮތް ފެން ފުޅިއެއް އަތުލައި ކުއްޖާގެ ގަޔަށް އަޅާލާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.

ވީޑިއޯ އާންމުވުމާ ގުޅިގެން ރަސްދޫގެ ބަޔަކު ވަނީ ވީޑިއޯ އިން ފެންނަ ކުދިން ދިރިއުޅޭ ގެތަކުގެ ކައިރިއަށް އެއްވެ އެ ކުދިންނަށް އަދަބު ދިނުމަށްވެސް ގޮވާފަ އެވެ.