ރޭޕް

ކުއްޖަކު ރޭޕު ކުރުމަށްފަހު އިންތިހާބީ މެންބަރެއްގެ ނިވަލުގައި ފިލާ

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މީހަކު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރެއްގެ ނިވަލުގައި ފިލައިގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އުތުރުގެ ރަށެއްގެ ކުޑަ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދިނުމަށްފަހު އެ ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަކީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީގެ ޓިކެޓުގައި ގޮނޑިއެއް ކާމިޔާބުކޮށްފައިވާ މީހަކާ އާއިލީ ގޮތުން ގުޅިފައިވާ މީހެކެވެ.

އެ މީހާ ފިލައިގެން އުޅެނީ އިންތިހާބީ މެންބަރެއްގެ ނިވަލުގައި ކަމަށް ކަމުގެ ހަގީގަތް އެނގޭ މީހަކު، ނަން ހާމަ ނުކުރާ ގޮތަށް ކިޔައިދިނެވެ.

މި މައްސަލަ މި ހަފްތާ ފެށުނުއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވީ ނަމަވެސް މިހާތަނަށް އެ މީހާ ހޯދިފައެއް ނުވެ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތި ދީ، މަސްތުކޮށްގެން ރޭޕް ކޮށްފައިވާ 13 އަހަރުގެ އަންހެން ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.

"މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" މީޑިއާ ގްރޫޕްގައި މިރޭ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މީހަކާ ގާތް ގުޅުމެއް އޮންނަ، ފިލައިގެން އުޅޭ މީހާއަކީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު އޭނާ ހައްޔަރުކުރުމަށް އަމުރެއް ނެރުމާއެކު އޭނާ ވަނީ ފިލާފަ އެވެ.