ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަވަސް އަމުރާއި ހިލާފުވެ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް ޖަހާފަ އެވެ.
ފުލުހުން ވަނީ އަނިޔާ ލިބުނު ކުއްޖާގެ ފޮޓޯ އާއި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރު އަދި ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފަ އެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ފެމިލީ ކޯޓުން ނެރެފައިވާއިރު އަމުރާ ހިލާފު ކަންތައްތަކެއް ކުރެވުނު ކަމަށް އޭނާ ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. އަދި ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި އައިއޯ ކޯޓުގައި ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން އެ ދުވަހު ތިން ފަހަރެއްގެ ފުލުހުން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއާ ވާހަކަ ދައްކައި އެގޮތަށް އަމަލު ނުބެހެއްޓުމަށް ނަސޭހަތް ދިން ކަމަށެވެ. މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ އިތުރަށް ތަކުރާރުކުރުމުން ކަމަށް އައިއޯ ފާހަގަކުރި އެވެ.