ހަބަރު

ރިސޯޓަކަށް މަސްތުވާތަކެތި ގެންދަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި

Feb 21, 2015

ގދ. އަތޮޅުގައި ހިންގާ ރިސޯޓަކަށް ގެންދަން އުޅުނު މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ ގދ. އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އެ ރިސޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި  24 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މި މައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު ކމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 21 އަހަރުގެ މީހާއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ކޮތަޅެއް ތެރޭގައި އޮތް ބޭސްފުޅިއެއްގެ ތެރެއިިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.