ހަބަރު

މާލޭގައި މިރޭ ޒަހަމްކޮށްލި މީހާ މަރުވެއްޖެ

Feb 21, 2015

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ޖައިލަމް ޝާކިރު ކިޔާ 24 އަހަރުގެ ޒުވާނެކެވެ. އޭނާގެ ގަޔަށް ވަޅި ހަރާފައި ވަނީ ހ. ހަންޑްރެޑް ފްލާވާސް ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިންދާ ބާރަށް ދުއްވާފައި އެ މަގަށް ސައިކަލުތަކެއްގައި ވަން ހަތަރު މީހަކު ކަމަށް ވެއެވެ. ޖައިލަމްއާ ބެހޭ އެހެން އެއްވެސް ތަފުސީލެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ޖައިލަމަށް ހަމަލާދީ މިރޭ ޒަހަމްކޮށްލާފައި ވަނީ ދަރުބާރުގޭގެ ކައިރިން 10:20 އެހާކަންހާއިރު ކަމަށާއި އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މި މައްސަލައިގެ ތުހުމަތަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.