ހަބަރު

ޖިހާދަށް މީހުން ފޮނުވުމުގައި އިސްލާމިކް މިނިސްޓަރުުގެ ދައުރެއް އޮވެދާނެ: ނަޝީދު

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމަށް ދިވެހިން ފޮނުވުމުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދައުރެެއް އޮތުން އެކަށީގެންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އައިއެސްއާ އެކު ހަނގުރާމަ ކުރުމަށް ފަހު ގާތްގަނޑަކަށް 30 މީހަކު ރާއްޖެ އައިސް މިނިވަންކަމާ އެކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ގިނަ މީހުން ސީރިއާ އަށް މި ދަނީ ތުރުކީ މަގުން. މި ދަންނަވާ މިނިސްޓަރު ވެސް ވަރަށް ގިނައިން ތުރުކީ އަށް ދަތުރުކުރޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން 200 ވަރަކަށް މީހުން އައިއެސް އިން ވަނީ ރެކްރޫޓްކޮށްފަ އެވެ.

ނަޝީދުގެ ސަރުކާރުުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަހްމަދު ނަސިީމާ ހަވާލާދީ ޓައިމްްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ނަޝީދަކީ އިސްލާމް ދީނަށް ހުރި ބިރެއްގެ ގޮތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިފަކޮށް، ސަރުކާރު ވަނީ ދީނީ ހަރުކަށި ޖަމާއަތްތަކާ ގުޅިފައި ކަމަށެވެ.

"ކުރީގެ ރައީސް މައުމޫން އަދި މިހާރުގެ ވެރިކަމުގައި ވެސް ޑިމޮކްރަޓިކް ހަރަކާތްތަކާ ދެކޮޅަށް ތާއީދު ހޯދުމަށް މި ބޭނުން ކުރަނީ ދީނީ ހަރުކަށި ފިކުރު،" ނަސީމް ވިދާޅުވެފައިވެ އެވެ.

ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ބާއްވާ ގުޅުމާ ބެހޭ ގޮތުން ނަސީމް ވިދާޅުވެފައި ވަނީ ޗައިނާ އިން ބޭނުންވަނީ އިގްތިސާދީ މަސައްކަތްކުރަން ނޫން ކަމަށާއި މަގްސަދަކީ އަސްކަރީ މަރުކަޒެއް ގާއިމުކުރުން ކަމަށެވެ. އަދި އެމްޑީޕީން ބޭނުންވަނީ އިންޑިއާ އަކީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބާއްވަން ކަމަށާއި މިހާރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ނަސީމް ވިދާޅުވެފައިވެ އެވެ.

މި ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުން އައިއެސްގެ ފިކުރަށް ތާއީދު ނުކުރާކަން މީގެ ކުރިން ވެސް ތަކުރާރުކޮށް ބުނެފައި ވާނެ ކަމަށެވެ. އަދި މި ތުހުމަތުތައް ކުށްވެރިކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.