ލައިފްސްޓައިލް

މަގްބޫލު އަޑެއް ހިމޭންވުން: ހަސަން ހަލީމްގެ އާދުނިޔެ!

ހިތްތަކަށް ފިނިކަމެއް ގެނެސް، އުފާވެރިކަމެއް ބަންޑުންކުރުވުމުގެ ބާރު ބައެއް މީހުންގެ އަޑުގައިވެ އެވެ. އެފަދަ ވަރަށް ގިނަ ހުނަރުވެރިން ނިސްބަތްވާ އެއް ދާއިރާއަކީ ރޭޑިއޯގެ އަޖާއިބުކުރުވަނިވި މާހައުލެވެ. އަނގަތަޅައި ސަމާސާކޮށް، ލަވަކިޔައި މަޖާކޮށް، އަޑުއަހައި ފޫހިފިލުވުމުގަ އާއި ޚަބަރު ކިޔައި ވާނުވާ ބުނެދިނުމުގައި ދައްކާ ޖާދޫއާ އެކު އެތަނުގެ ހުނަރުވެރިން ބަދަލުވެގެން ދަނީ އެހުންތެރިންގެ ހަޔާތުގެ ބަތަލުންނަށެވެ. ނުވަތަ ލޯތްބާއި އިހްތިރާމާއި ގަދަރު ދެވިފައިވާ ޝަހުސިއްޔަތުތަކަށެވެ.

އެފަދަ އާދަޔާހިލާފު ޝަހުސިއްޔަތުތަކާއި، ފޫހިކަމެއް ނެތި މުޅި ދުވަހު އެ މީހުންގެ އަޑު އަހާލެވޭ ފެންވަރުގެ އެތައް ހުނަރުވެރިން ވަނީ ރޭޑިއޯ މެދުވެރިކޮށް ދިވެހިންނާ އެކު ހިތާއި ހިތުގެ ގުޅުމެއް ފައްކާކޮށްފަ އެވެ. ޔަގީނަށް ވެސް އޭގެ ތެރެއިން ރޭޑިއޯގެ މި ޖީލުގެ އެއް ރަން އަޑަކީ ހަސަން ހަލީމްގެ ހިތްގައިމު އަޑެވެ.

އެކަމަކު އެ މަގްބޫލު އަޑަށް ރޭޑިއޯގެ އިރު އޮއްސުނީ އެވެ. ނަވާރަ އަހަރުގެ އާދަޔާހިލާފު ހިދުމަތަށް ފަހު ހަސަން އެވަނީ ރޭޑިއޯގެ ފްރިކުއެންސީގެ ދުނިޔެއާ ގުޅުން ކަނޑާލައިފަ އެވެ. އޭނާގެ އާ ދުނިޔެ އަކީ ކަސްރަތާއި ދުޅަހެޔޮކަމުގެ މައިދާނެކެވެ. ދިވެހި އެފްއެމްގައި 2006 ވަނަ އަހަރުން ފެށިގެން އެސިސްޓަންޓް މެނޭޖަރަކަށް ހުރި ހަސަން ހަލީމަކީ މިހާރު ގްލޯ ފިޓްނެސްގައި ޕާސަނަލް ޓްރެއިނާއެއްގެ ވަޒީފާ އަދާކުރާ ފަރާތެކެވެ.

އެހެންކަމުން، ހަސަންގެ ރޭޑިއޯގެ ހަޔާތަށް އިރުއޮއްސުނުގޮތާއި އޭނާގެ ހަޔާތަށް އެހެން ދާއިރާއަކުން އިރުއަރައިގެން އައުމުގެ ފަހަތުގައިވަނީ ކޮން ވާހަކަތަކެއްތޯ ބަލައިލުމަށް ހަސަންގެ އަމިއްލަ ވާހަކަތަކާއި ހިޔާލުތަކުގެ ތެރެއަށް މިހައި ހިސާބުން ވަދެގަންނަމާ ހިނގާށެވެ.

އޭނާގެ ވާހަކަ ވަރަށް ވެސް އާދަޔާހިލާފެވެ.

ރޭޑިއޯގެ ފްރިކުއެންސީ ލިބުނީ އޮޅުމަކުން!

އޭނާގެ އެންމެ ކުރީގެ އެއް ހަނދާނަކީ ރޭޑިއޯ އެވެ. އަރައިގެން އަންނަ އިރާ އެކު ރޭޑިއޯގެ އަޑު ނީވޭ ދުވަހެއް އޭނާގެ ހަޔާތުގައި މަދެވެ. އެކަމަކު އޭނާ ބުނާ ގޮތުން ނަމަ އޭނާގެ "ދުނިޔެއަށް" ރޭޑިއޯގެ ފްރިކުއެންސީ ލިބުނީ އޮޅުމަކުންނެވެ.

"އޭރު ގޭގައި އަބަދުވެސް ހުންނާނީ ރޭޑިއޯ ހުޅުވާފައި. އަޅުގަނޑުގެ މަންމަ އަކީ ވަރަށް ރޭޑިއޯ އަޑުއައްސަވާ ފަރާތެއް،" ކުޑައިރުގެ ހަނދާނަކުން ކިޔައިދެމުން ހަސަން ބުންޏެވެ.

"5:30 ގައި އޭރު ރޭޑިއޯ ފަށާނެ. ފަށައިގެން ނިމެން ދެން ގޭގައި ހުންނާނީ ރޭޑިއޯ ހުޅުވާފައި. އެހެންވީމަ ވަރަށް ގިނައިން ރޭޑިއޯ އަޑުއެހިފަ ހުންނާނީ. އެކަމަކު ވެސް އެއްވެސް އިރަކު ހިތަކަށް ނާރާ ރޭޑިއޯގައި މަސައްކަތްކޮށްފާނެއެކޭ. އޭރަކު ވެސް."

ރޭޑިއޯގެ މި ނުފޫޒެއްގައި ޖެހި ޝައުގުވެރިކަން ކޮންމެވެސް ވަރަކަށް ދަމައިގެން ގޮސްފައި އޮތަސް އޭނާގެ ހިތް ހަދިޔާކޮށްފައިވީ ޓީވީ ދެއްކި ކުލަ މަންޒަރަށެވެ.

"ރޭޑިއޯގެ ދާއިރާ އަށް ވަދެވުނީ އަސްލު އޮޅުމަކުން. ސްކޫލްގައި އުޅުނުއިރު ވެސް އަސްލު ބޮޑަށް ޕްލޭންކޮށްފައި އޮންނާނީ ޓީވީ އަށް ވަންނަން. ޕްރޮޑިއުސަރެއްގެ ގޮތުގައި. އެކަމަކު ސްކޫލް ނިމިގެން ވަޒީފާއެއް ހޯދަން ބެލިއިރު ޓީވީގައި ނެތް ޕްރޮޑިއުސަރެއްގެ ވަޒީފާއެއް،" ހަސަން ކިޔައިދިނެވެ.

"ދެން ރޭޑިއޯ އަށް ވަނީ ފަހުން ޓީވީ އިން ވަޒީފާ ލިބޭނެ ކަމުގެ އުއްމީދުގައި."

އެންމެފަހުން އެ އުއްމީދެއްގައި ހުއްޓައި، ރޭޑިއޯ އަށް ރަނގަޅަށް ހިތްޖެހި އެތަނުގައި އޭނާ ހަރުލީ އެވެ.

"ކުރިން ވެސް ރޭޑިއޯ ޕްރޮގްރާމްތަކަށް ވާހަކަ ފޮނުވުމާއި ޕްރޮގްރާމްތަކަށް އަޑު އެޅުން ފަދަ ކަންކަން ވެސް ކޮށްއުޅެން. ޑްރާމާތައް ކުޅެފައި ވެސް ހުންނާނެ ސްކޫލްގައި އުޅެމުން. އެކަމަކު ރޭޑިއޯގެ ވާހަކަ އަޑުއެހިއިރު ހިތަކަށް ނާރާ އެހާ އެކްސައިޓިން ދާއިރާއެކޭ އެންމެ ފުރަތަމަ އެއީ،" ހަސަން ކިޔައިދިނެވެ.

އެހެންވީމަ ރޭޑިއޯގެ 19 އަހަރު ހަސަން މިއަދު ސިފަކުރާނީ ކިހިނެތް ހެއްޔެވެ؟

"19 އަހަރު ސިފަކުރާނީ ވަރަށް އެންޖޯއިކުރެވުނު ވަރަށް ޗެލެންޖިން 19 އަހަރުގެ ގޮތުގައި،" ވަރަށް ފަރިތަކަމާ އެކު ހަސަން ބުންޏެވެ.

ޕާސަނަލް ޓްރެއިނާ ހަސަން ހަލީމް! ނޯ ރިގްރެޓްސް!

ހަފުތާ ބަންދަށް "ރޭޑިއޯ ހަސަން ހަލީމް" ގެ ވާހަކައެއް އޮންނާނެއޭ "އޭނާގެ 19 އަހަރުވީ ކެރިއަރު ނިމުމަކަށް އަތުވެއްޖެއޭ" ބުނީމަ ބައެއް މީހުން ޝަހާދަށް ކިޔައި ދެ ލޯ ބޮޑުކޮށްގަތީ އެވެ.

"އެކަމަކު ކީއްވެގެން؟"

އެންމެން ވެސް ކުރީ މި ސުވާލެވެ. ދެން ބުނީ މިހެންނެވެ.

"އެހާ ރަނގަޅު މަގާމެއްގައި، ދާއިރާއެއްގައި، އެހާ ގިނަ ދުވަހު މަސައްކަތްކުރަމުން ގޮސް ހަމަ ކުއްލިއަކަށް އޭނާގެ ދާއިރާ ބަދަލުކޮށްލަންވީ ކީއްވެގެން ހެއްޔެވެ؟"

ހަސަންގެ ޖަވާބު ކުރުވެފައި ސާފެވެ. -- ފޫހިވީ އެވެ.

މި ވާހަކައެއްގެ އެންމެ ޝައުގުވެރިވަނިވި ހިސާބަކީ މިއީ އެވެ. ފޫހިކަމެއްގައި ބަންދުވުމަކީ ހަމަ އަސްލަށް ދިރިއުޅުން ބަދަލުކޮށްލަފާނެ ކަމެކެވެ. ބައެއް ފަހަރަށް ގަބޫލުކުރަން ދަތި ހިތްދަތި ގޮތަކަށެވެ. އަނެއްބައި ފަހަރަށް، ދެން ތިބޭ މީހުންނަށް ވެސް އިބްރަތް ހާސިލުކުރަން އެނގޭނޭ ފަދަ ފިލާވަޅެއްގެ ގޮތުގަ އެވެ.

ހަސަން ހަލީމުގެ ހަޔާތަށް އައި މި ޓްވިސްޓަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް، ފިލާވަޅެކެވެ. މިސާލަކަށް، ތިމާ ކުރަން ބޭނުން ނުވި ކަމެއްގައި ބެދި، ހައްޔަރުވުމުން ދެން ކަންތައް ކުރަން ޖެހޭ ގޮތަކީ ކޮބައި ހެއްޔެވެ؟ ހަސަން ހަލީމު ފަދައިން އެކަމެއްގައި ނުވަތަ އެ މަސައްކަތެއްގައި ބައްދައިގަންނަންވީ އެވެ. -- ޓީވީގެ ވަޒީފާ ނުލިބި ރޭޑިއޯގެ ވަޒީފާ ލިބުމުން އޭނާ ކަންތައް ކުރި ގޮތަކީ އެއީ އެވެ. -- ބަދުނަސީބު، ނަސީބަކަށް ބަދަލުކޮށްލީ އެވެ.

އެއަށްފަހު އެންމެފަހުން، ރޭޑިއޯގެ މަތީ މަގާމުތަކާ އެކު އޭނާގެ ހިތަށް ފޫހިކަމެއްވެރިވީ އެވެ. ޝޯތައް އުފެއްދުމާއި ޝޯތައް ހުށަހަޅައިދިނުން ދޫކޮށް ގޮނޑިއަކަށް އަރައި އިންނާކަށް އޭނާ ބޭނުމެއް ނުވީ އެވެ. އެހިސާބުން ދެން ހިތްކީކަމަކާއިގެން ދުއްވައިގަތީ އެވެ.

"އަޅުގަނޑު ބޮޑަށް ޝައުގުވެރިވަނީ ޕްރޮގްރާމް އުފެއްދުމަށް. ޕްރޮގްރާމް ހުށަހެޅުމަށް ވުރެން ވެސް ޕްރޮގްރާމް އުފެއްދުމަށް. އެހެންވީމަ އެބަޔާ ދުރަށް ގޮސް އިދާރީ ކަންކަމުގައި ޖެހި ކުޑަކޮށް ފޫހިކަމެއް ވެސް އައިސްފައި ހުރި ދުވަސްކޮޅަކު ފިޓްނެސްގެ ތެރެއަށް ވަދެވުނީ،" ހަސަން ކިޔައިދިނެވެ.

"ސްކޫލް ނިމުނު ހިސާބުން ފެށިގެން އަބަދުވެސް ޖިމަށް ދަން. އެއީ ފިޓްކޮށް ހުރުމުގެ ބޭނުމުގައި. އެކަމަކު އޭރަކު މި ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަމެއް ނެތް. އެކަމަކު މިދިޔަ އަހަރު ޕޮލިސް އިން ހިންގި ބޭސިކް ފިޓްނެސް ޓްރެއިނިން ކޯހެއްގައި ބައިވެރިވެގެން ހިޔާލު އެއްކޮށް ބަދަލުވީ."

އެ ކޯހެއް ނިންމާލުމަށް ފަހު އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ އެފަދަ ރޭޑިއޯ ޕްރޮގްރާމެއް އުފެއްދުމަށެވެ. އެކަމަކު އާހިރުގައި ބަދަލުވެގެން ދިޔައީ ސެޓިފައިޑް ޕާސަނަލް އިންސްޓްރަކްޓަރަކަށެވެ.

"އަސްލު ތެދަށް ބުނަންޏާމު އެހާ ބޮޑަށް މެނޭޖުކުރާ ހިތެއް ނުވޭ. އެކަހަލަ ވަޒީފާއެއްގައި އުޅޭ ހިތެއް ނުވޭ. ކަމެއް ހިންގުމުގައި މިސާލަކަށް ރޭޑިއޯ ބޮޑު ޕްރޮގްރާމެއް ހިންގުމުގައި މެނޭޖުކުރެވިދާނެ އެކަމަކު އިދާރީ ލެވެލް އަށް ދިޔައީމަ އެއީ އެއްވެސް އިރަކު ލައިކްވި ކަމެއް ނޫން،" ހަސަން ބުންޏެވެ.

"ރޭޑިއޯގައި ކުރަން ހިތުއެޅި ކަންތައްތަކުގެ ތެރެއިން އެންމެ ކަމެއް ފިޔަވައި ދެން ހުރިހާ ކަމެއް ކުރެވުނު. އެހެންވީމަ، ނޯ ރިގްރެޓްސް."