ހަބަރު

އޭސީސީއާ ދެކޮޅަށް ހަނިމާދޫން އީދު ކުޅިވަރަށް އަށްލައްކަ ރުފިޔާ ހަރަދުކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އީދު ކުޅިވަރަށް ރަށު ރައްޔިތުންގެ މާލިއްޔާއިން ބޮޑު އަދަދެއް ހަރަދު ނުކުރަން އަންގާފައިވަނިކޮށް، އީދު ކުޅިވަރަށް 875،000 ރުފިޔާ ހަރަދު ކުރުމަށް ހދ. ހަނިމާދޫ ކައުންސިލުން ނިންމައިފި އެވެ. މި އަދަދަށް ފައިސާ ހަރަދު ކުރަން ނިންމީ ކައުންސިލުގެ ބައްދަލުވުމެއްގައި ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ ކުރިން ވެސް އީދު ކުޅިވަރަށް އެ ކައުންސިލުން މި އަދަދު ހަރަދުކުރަން ނިންމި އެވެ. ނަމަވެސް އަމިއްލަ ފަރާތަކުން މި މައްސަލަ އޭސީސީއަށް ހުށަހެޅުމުން އޭސީސީއިން ވަނީ އެހާ ބޮޑު އަދަދެއް އީދު ކުޅިވަރަށް ހަރަދު ނުކޮށް މަޑުޖައްސާލުމަށް ކައުންސިލަށް އަންގާފަ އެވެ. އޭސީސީއިން އެގޮތަށް އަންގާފައި ވަނިކޮށް މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލު ބައްދަލުވުމުގައި ނިންމީ 875،000 ރުފިޔާ އީދު ކުޅިވަރަށް ހަރަދު ކުރާށެވެ.

މި މައްސަލާގައި އެ ކައުންސިލްގެ ރައީސް އާދަމް އިބްރާހިމް ވަނީ ކައުންސިލުގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެކަމަށް ދެކޮޅު ހައްދަވަނީ ހަމައެކަނި އާދަމް އެވެ. އާދަމް ވިދާޅުވި ގޮތުގައި އޭނާ ރައީސް ކަމުން އިސްތިއުފާ ދިނީ ރައްޔިތުންގެ ފައިސާއިން އެހާ ބޮޑު އަދަދެއް ރަށު ބޭރުން އީދު ކުޅިވަރު ކުޅުމަށް އަންނަ ބަޔަކަށް ހަރަދުކުރާތީ އެވެ.

ހަނިމާދޫ ކައުންސިލުން މިހާބޮޑު އަދަދެއްގެ ފައިސާ ހަރަދު ކުރަން ނިންމާފައިވަނީ އެ ރަށަށް އީދު ކުޅިވަރު ކުޅުމަށް އަންނަ ފަރާތްތަކަށެވެ. އެ ރަށުގައި އީދުގެ ކަންކަން އިންތިޒާމްކުރަނީ އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ސާއްބަ ޖަމިއްޔާއިންނެވެ. ސާއްބަ ޖަމިއްޔާއިން ވަނީ އީދު ކުޅިވަރަށް ކައުންސިލްގެ އެއްބާރުލުން ހޯދުމަށް ލިޔުމެއް ކައުންސިލަށް ހުށަހަޅާފަ އެވެ.

އާދަމް ވިދާޅުވީ، މި ފައިސާއަކީ ރަށުގައި އީދަށް ތައްޔާރުވެ ޒީނަތްތެރިކުރުމަށް ވެސް ހަރަދުކުރާނެ ފައިސާއެއް ކަމަށް ބުނި ނަމަވެސް، ރަށުގައި އެފަދަ ކަންކަން ކުރުމަށް ކުރިން ވެސް ބަޖެޓްގައި ކަނޑައެޅިފައިވާ ކަމަށެވެ. އެކަމަށް ވަކިން ބަޖެޓެއް ހަދަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.