ވިޔަފާރި

އީޓް ޑޮޓް އެމްވީއިން ފުޑް އިންޑަސްޓްރީއަށް އެވޯޑެއް ދެނީ

Aug 29, 2016

"އީޓްޑޮޓް އެމްވީ" އިން ފުޑް ފޯރަމެއް ބާއްވައި، ކެއިން ބުއިމުގެ ބާވަތްތައް ތައްޔާރުކުރާ ފަރާތްތަކަށް ހާއްސަ އެ ވޯޑެއް ދޭން ނިންމައިފި އެވެ.

އީޓް ޑޮޓް އެމްވީ ނެރޭ، ގެޓްއަވޭސް ބިޒްނަސް ޑިވެލޮޕްމެންޓް ޑިރެކްޓަރު ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ ފުޑް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފޯރަމާއި މި ދާއިރާ އަށް އަންނަ އަހަރު އެވޯޑެއް ދޭނެ ކަމަށެވެ.

"ހުރިހާ ރެސްޓޯރެންޓް އޯނަރުންނާއި ފުޑް އިންޑަސްޓްރީގެ ފަރާތްތަކުން ބައިވެރިވާނެ. މީގެ އިތުރުން ކޮންސަލްޓެންޓުނާއި ޝެފުން ވެސް ހިމެނޭ،" ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޑް އެންޑް ބެވަރޭޖަސް (އެފްއެންބީ) ދާއިރާ އަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑު ގިނަ ކެޓަގަރީތަކުން ދޭނެ ކަމަށެވެ.

"އެންމެ މޮޅު ރެސްޓޯރެންޓާއި ޝެފްގެ އިތުރުން އިތުރު ކެޓަގަރީތައް ހިމެނޭނެ. މި ވަނަތައް ހޮވާނީ އޮޑިޓް ފާމަކާ ހަވާލުކޮށްގެން،" ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހާ ދިމާކޮށް އީޓްޑޮޓް އެމްވީ އިން ތައާރަފުކުރި ފުޑް ރެސިޕީއަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"ފުޑް ރެސިޕީ ދުވާލަކު ލައްކައަކަށް ވުރެ ގިނަ މީހުން ބަލާ. މިހާރު ވެސް ވަރަށް ގިނަ ބަޔަކު ޝެއާކުރާ. މީގެ ޖުމްލަ ވިއުއާސް މިލިއަނަކަށް އަރައިފި،" ސަނީ ވިދާޅުވި އެވެ.

"ފުޑް ފޯރަމް ބައި އީޓްޑޮޓް އެމްވީ" އާއި ފުޑް އެންޑް ބެވަރޭޖަސް (އެފްއެންބީ) އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހު އެވެ.