ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭ ގޮތް ހަމަޖައްސައިފި އެވެ.
މިބަދަލާ އެކު މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަންޖެހޭ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިން އަށް ބަދަލު ގެނެސް ބަލްކް ޕޭމަންޓްގެ ހިދުމަތް މިހާރު ފޮނުވާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތަށް ރަޖިސްޓްރީވުމުން ވިޔަފާރިތަކަށް ދިވެހި ރުފިޔާ އިން އަދި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް މިހާރު ފޮނުވޭނެ ކަމަށެވެ.
އަލަށް ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލް ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު އަހްމަދު އަސީފް ވިދާޅުވީ މެނުއަލް ޕްރޮސެސްތައް ދޫކޮށްލައި، އެއްފަހަރާ ގިނަ ޓްރާންސްފާ ކުރުމަކީ އޮޓޮމެޓިކްކޮށް ހޯދޭ ހިދުމަތަކަށް ބަދަލުކޮށްލުމަކީ ލިބޭ އުފަލެއް ކަމަށެވެ. މިބަދަލާއެކު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އަހްމަދު އާސިފް ވިދާޅުވީ ޑިޖިޓަލައިޒް ކުރުމަކީ ބީއެމްއެލްގެ ސްޓްރެޓަޖީގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އަދި ބޭންކިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންވާ އަވަސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމި ތިބޭނެ ކަމަށެވެ.
"މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާޓްނަރުންނާއެކު އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން." އާސިފް ވިދާޅުވި އެވެ.
އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް ހުށަހެޅުމަށްވެސް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.