ހަބަރު

ބޭރުގެ އެއްވެސް ޕްރެޝަރެއްނެތް، ސަރުކާރު އޮތީ ހަމަޖެހިލައިގެން: މުންދު

Feb 23, 2015
2

ރާއްޖޭގެ މަސްރަހު މިހާރު ހަލަބޮލިވެފައި ވާތީ ބޭރު ގައުމުތަކުގެ ކަންބޮޑުވުން ހުރި ނަމަވެސް ވަކި ގޮތަކަށް ކަމެއް ކުރަން ރާއްޖޭން ބޭރުގެ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ސަރުކާރަށް ނެތް ކަމަށް، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިރޭ ޓީވީއެމްގެ، "ރާއްޖެ މިއަދު"މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޮންމެ ރެއަކު މާލޭގެ މަގުތަކަށް ބަޔަކު އެއްވެ ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާތީ ބޭރުގެ ގައުމުތަކުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންބޮޑުވުންތަކަކީ ގައުމަށް ހެޔޮ އެދިގެން ފާޅުކޮށްފައި ހުރި ކަންބޮޑުވުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. މުންދު ވިދާޅުވި ގޮތުގައި ވަކި ގޮތަކަށް ވަކި ކަންތައްތަކެއް ކުރަން ބޭރުގެ ގައުމުތަކުން ވެސް އަދި ބައިނަލް އަގުވާމީ ގައުމުތަކުން ވެސް ރާއްޖެއަށް އަދި އެއްވެސް އެއްޗެއް އަންގައިފައެއް ނެތެވެ.

"މާލޭގެ މަގުތައް ހަލަބޮލިކޮށްލުމަކީ ވަރަށް ފަސޭހަ ކަމެއް. އެކަން މި ކުރަނީ އެބޭފުޅުން މަދު ބަޔަކު އެއްކޮށްގެން. އެފަދަ ކަންތައްތަކުގެ ސަބަބުން ގައުމުގެ އަމާންކަން ގެއްލޭތީ އަވަށްޓެރި ގައުމުތަކުން ކަންބޮޑުވެފައި އެބަހުރި. އެއީ އެބޭފުޅުން ރަނގަޅަށް ކުރައްވާ ކަމެއް. އެކަމަކު އެއީ އަދި ޕްރެޝަރެއް ނޫން. އެއީ އެބޭފުޅުން ހެޔޮ އެދިގެން ވިދާޅުވާ އެއްޗެއް،" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ރައީސް މައުމޫންގެ ދުވަސްވަރާއި ރައީސް މުހައްމަދު ވަހީދުގެ ދުވަސްވަރު ސަރުކާރަށް ބޮޑެތި ޕްރެޝަރުތައް އައި ކަމަށެވެ. އެކަމަކު މިހާރު މި ދިމާވެގެން މި އުޅެނީ އެއިރާ ބަލާއިރު އެއްވެސް ކަމެއް ނޫން ކަމަށް މުންދު ވިދާޅުވި އެވެ. އަދި އޭރު އައިފަދަ އެއްވެސް ފިއްތުމެއް ނެތި މި ސަރުކާރު އޮތީ ވަރަށް ހަމަޖެހިލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކި ސްޓަންޓްތައް ޖައްސަވައިގެން ރާއްޖެ އާއި ބޭރު ގައުމުތަކާ ދެމެދު ދޭތެރެ ޖެއްސުމަށް މަސައްކަތް ކުރައްވައި ކަމަށެވެ. ނަމަވެސް އެ ކަންތައްތައް އަދި ކާމިޔާބުވެފައި ނުވާ ކަމަށް މުންދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ނަމަށް ގެއްލުން ވުން ނޫން ކަމެއް ނުވެ އެވެ.

"މައްސަލައަކީ ނަޝީދު މި ހައްދަވާ ސްޓަންޓްތަކާ އެކު އެބޭފުޅާގެ ނަން އެކަންޏެއް ނޫން މި އަންނަނީ. ރާއްޖޭގެ ކުރީގެ ރައީސްއޭ އެބަ ކިޔާ. އެގޮތަށް ރާއްޖޭގެ ނަން ކިލަބުކޮށް ދޭތެރެ ޖެއްސުމުގެ ނަޝީދު އަބަދުހެންމެ އެބަ ކުރައްވާ. އަޅުގަނޑުމެން މިކަމެއްގައި އުޅޭތާ އެތައް ޒަމާނެއް. ކަންވާ ވަރަށް ވުރެ ބޮޑުކޮށްގެން އެބޭފުޅުން ބޭރުގައި ވާހަކަފުޅުތައް ދައްކަވަނީ،" މުންދު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ޓުއަރިޒަމް މިނިސްޓަރު އަދީބު ވިދާޅުވީ، ފެބުރުއަރީ ހަތެއްގައި ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ބުނުމުން ބޭރުގެ އެކި ފަރާތްތަކުން އޭރު ރާއްޖެއަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރި ކަމަށެވެ. އަދިވެސް އެފަދަ އެކި ވާހަކަތައް ދައްކައިގެން ޕްރެޝަރު އުފެއްދޭތޯ ނަޝީދު އުޅުއްވާ ކަމަށް އަދީބު ވިދާޅުވި އެވެ. އެކަމަކު ސަރުކާރަށް އެއްވެސް ބޭރު ގައުމަކުން ފިއްތުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް އިންވެސްޓްމަންޓްތައް ބްލޮކް ކުރުމަށް، ޖޭޕީ-އެމްޑީޕީ ރާވައިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އަދީބު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތްތަކުގެ ދަށުން ޔޫރަޕާއި މެދުއިރުމަތިން ރާއްޖެ އަންނަ އިންވެސްޓަރުންނަކީ ކޮބައިތޯ ބަލައި ރާއްޖޭގައި މައްސަލަތަކެއް ހުރިކަން ބުނެދެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކުނޫޒު ތެރޭގައި ގާސިމް އެބަހުރި ވިދާޅުވެފައި އެއޮތް ހުޅުމާލެ ހިއްކެނިއްޔޭ ބްރިޖް އެޅެނިއްޔޭ، ދެން އަހަރުމެންނަކަށް މިކަން ވެއްޖިއްޔާ ކަމެއް ނުވާނޭ. މިކަން ހުއްޓުވަން ހިނގާށޭ. މިއީ ކުނޫޒްތެރެއިން އަޅުގަނޑުމެންނަށް އައިސްފައި ހުރި އަޑުތައް،" އަދީބު ވިދާޅުވި އެވެ.