ހަބަރު

ގާސިމްގެ މައްސަލައަކީ ބޭނުންހާ ގޮތަކަށް ދީލައިނުލުން: އަދީބު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަނީ އެމަނިކުފާނު ބޭނުންހާ ގޮތަކަށް ސަރުކާރުން ކަންކަން ކުރަން ދޫ ނުދޭތީ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ، "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، ގާސިމް އިބްރާހިމް މީގެ ކުރިން ވެސް ކުރީގެ ރައީސް ނަޝީދާ ގުޅިގެން ތަފާތު ކަންކަން ސަރުކާރާ ދެކޮޅަށް ހިންގުމަށް ރޭވި ކަމަށެވެ. އަދި އެގޮތަށް ގާސިމް އަމަލު ކުރައްވަނީ އެބޭފުޅާ ބޭނުންފުޅުވާ ކަމެއް ބޭނުންވާ ގޮތަކަށް ސަރުކާރުން ކުރުމަށް ދޫނުދޭތީ ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން އެމަނިކުފާނާ ގުޅުން ހުރި ކުންފުނިތަކުގެ މައްޗަށް ކުރި ދައުވާތައް ނެގުމަށް ގާސިމް މީގެ ކުރިން ޑިމާންޑް ކުރެއްވި ކަމަށެވެ. ނަމަވެސް އެއީ މި ގައުމުގެ އެތައް ޖީލެއްގެ ހައްގުތަކާއި ދައުލަތުގެ އާމްދަނީ ގެއްލޭނެ ކަމަކަށް ވާތީ، އެކަން ކުރެވެން ނެތް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އެބޭފުޅާގެ މަސްލަހަތު އޮންނަ އެއިމްސް ކުންފުނީގެ 127 މިލިއަން ރުފިޔާގެ މައްސަލަ އާއި މީރާއަށް ދައްކަން ވެފައި ހުރި ފައިސާ އާއި މި އެއްޗެހި ނެގީމަ އެބޭފުޅާ ގެއަށް ވަޑައިގަންނަވާނެ. އެކަމަކު އެއީ އެތައް ޖީލަކާ ގުޅިފައި ހުރި އެތައް ބައެއްގެ ފައިސާ. އަދި ދައުލަތުގައި އެކަށީގެންވާ ވަރަށް ލާރި ނެތިގެން މި އުޅެނީ. އެހެން ވީމާ އެފަދަ ކަމެއްގައި ކިހިނެތްތޯ އަޅުގަނޑުމެން ދޫދޭނީ،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އަބަދުހެންމެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންމެ ކުޑަމިނުން ބަޖެޓް ފާސްކޮށްލަން ވެސް ވޯޓެއް ނުދޭ ކަމަށެވެ. އަދީބު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލައި ޖަލަށް ލުމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި އެކަމަކީ މިނިވަން ޝަރުއީ ދާއިރާއަކުން ކުރަމުން އަންނަކަކަން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އިދިކޮޅު ފަރާތަކުން އެކުރާ ޑިމާންޑްތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މުޒާހަރާތަކަށް ނިކުންނަނީ ވެސް ވަރަށް މަދު ބައެއް ކަމަށް ވެސް ވިދާޅުވި އެވެ. އެ މީހުން އެގޮތަށް މުޒާހަރާ ކުރުމަކީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓި ބިރުން ފަހަތައް ޖެހޭނެ ކަމެއް ނޫން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ސަރުކާރު މި އޮތީ ބަދަހި ކަމާ އެކު. ވަރަށް ވަރުފަދަކޮށް. އެއާޕޯޓް ޕްރޮޖެކްޓް ވެސް އެ ވަނީ އިއުލާން ކުރުމަށް ތައްޔާރުވެފައި. ބްރިޖްގެ މަސައްކަތް ވެސް އިރާދަ ކުރެއްވިއްޔާ ފެށޭނެ. އެކަމަށް ހުއްޓުމެއް ނެތް. މާތް ރަސްކަލާގެ ވާގިފުޅުން މި ސަރުކާރުން މި އޮތީ ބާރުވެރިކަމާ އެކު،" އަދީބު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ސަރުކާރުގެ ފޯކަސް ގެއްލުވައި ނުލެވޭނެ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި މިއީ އެއަށް ވުރެ ނަތީޖާ ނެރޭނެ ސަރުކާރެއް ކަމަށް ވެސް ވިދާޅުވި އެވެ. މި ސަރުކާރުން އުޅެނީ ސިޔާސީ މަސައްކަތްތަކެއް ކުރަން ނޫން ކަމަށާއި އޭގެ ބަދަލުގައި އިގްތިސާދީ މަސައްކަތްތަކެއް ކުރަން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި ޒުވާނުން ލައްވާ މި ސަރުކާރުން ވިޔާ ނުދާކަންކަން ނުކުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"އިދިކޮޅު ބޭފުޅުން މި އުޅެނީ އިހުލާސްތެރިކަމެއް އޮވެގެނެއް ނޫން. އެބޭފުޅުންގެ އެކަހަލަ އެއްވެސް ވިސްނުމެއް ނެތް،" އަދީބު ވިދާޅުވި އެވެ.