ހަބަރު

ދަރިފުޅު މަރާލި ތުހުމަތުގައި ޖަވާބުދާރީވާން މަންމައަށް އަންގައިފި

ށ. އަތޮޅު ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒުގެ ގަޔަށް ވަޅިޖަހާ މަރާލި މައްސަލާގައި އޭނާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާއަށް ޖަވާބުދާރީވުމަށް ޝަރީއަތުން ފުރުސަތު ދީފި އެވެ.

ޝައިހާ މަރާލާފައިވަނީ ހަށިގަނޑުގެ 10 ތަނަކަށް ވަޅި ހަރައިގެންނެވެ. އެއީކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެންނެވެ. އެހާދިސާ ހިނގިއިރު ޝާހީދާގެ ހަ އަހަރުގެ އަންހެން ދަރިފުޅުވެސް އެކޮޓަރީގައި ނިދާފައި އޮތް ކަމަށްވެ އެވެ. ޝައިހާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފައިވެ އެވެ.

ޝައިހާ މަރާލިކަމުގެ ތުހުމަތު ހައްޔަރުކޮށް، ދައުވާކޮށްފައިވާ ޝާހިދާގެ ޝަރީއަތުގެ އިއްޔެގެ މަޖިލީހުގައި ގާޒީ ވަނީ އެ މައްސަލާގައި ޖަވާބުދާރީވުމަށް ޝަހީދާއަށް ފުރުސަތުދީފަ އެވެ. ޝާހިދާ ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުން އޮންނާނީ އީދު ބަންދަށްފަހު އެވެ. ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ޝާހިދާ ވަނީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސައިދިނުމަށް އެދިފަ އެވެ. އެހެންކަމުން އިއްޔެގެ އަޑުއެހުމަށް ޝާހިދާގެ ވަކީލް ހާޒިރުވެފައިވެ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ޝާހިދާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ މެމްބަރު އާމިނަތު ރުކުޝާނާއެވެ.

ޝާހިދާގެ ޝަރީއަތް ކުރިއަށް ގެންދަނީ ޕީޖީ އޮފީހުގެ އެދުމުގެ މަތިން ސިއްރުކޮށްގެންނެވެ.

މި މައްސަލާގައި ކުރިން ފުލުހުން ބުނެފައިވަނީ، ޝައިހާ މަރާލިއިރުވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށެވެ. ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓް އަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޝާހިދާއަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި ނިދަން އުނދަގުވުމާއި، އެހެނިހެން މައްސަލަތައް ހިމެނެ އެވެ.