ހަބަރު

މަހުލޫފް ޕީޕީއެމުން ވަކިކޮށްފި

Feb 24, 2015
1

ޕީޕީއެމްގެ މެންބަރު ކަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަހުމަދު މަހުލޫފް ވަކި ކުރަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ޕްރެސްގައި ބުނީ، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ގެ އަގުވެއްޓޭ ގޮތަށް މަހުލޫފް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވާހަކަ ދެއްކެވި ކަމަށް ކުރެވުނު ތުހުމަތުތަކަށް އޭނާ މިއަދު އިންކާރު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން އެ ކޮމިޓީގެ އިއްތިފާގުން އޭނާ ވަކި ކުރަން ނިންމީ ކަމަށް ވެސް ބުންޏެވެ.

މަހުލޫފް ޖުމްހޫރީ ޕާޓީ އަށް ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި އޭނާގެ ސުލޫކީ މައްސަލަ ބަލަން ފެށީ ވެސް އެމްޑީޕީގެ މެންބަރުންނާ އެކު ރާއްޖެ ޓީވީއަށް އަރާ ވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވުމުންނެވެ. އޭނާ ވިދާޅުވެފައި ވަނީ މި ސަރުކާރުން އޭނާ ބާކީ ކޮށްލާފައި ހުރި ކަމަށެވެ. މި ސަރުކާރުގައި މައުމޫން އަބްދުލް ގައްޔޫމްގެ ދައުރެއް ނެތް ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރީ ގާނޫނު ތަކުގެ ބޭރުން ކަމަށް ވެސް އޭނާ ވަނީ ވަކާލާތު ކުރައްވައިފަ އެވެ. ސަރުކާރުން ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވާ ކަމަށް ވެސް މަހުލޫފް ތުހުމަތު ކުރެއްވި އެވެ.