ގައުމީ ފުޓްބޯޅަ ޓީމުގައި އޭނާގެ ނަން ނުޖަހަން އެފްއޭއެމުން އަންގާފައިވާކަން އެނގުނީ މެޗަށް ދަނޑަށްދާން ތައްޔާރުވަނިކޮށް ކަމަށް ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބު ބުނެފި އެވެ.
ހިންގާ ކޮމިޓީން އިސްތިއުފާ ދެއްވި ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ ޝަކީބު އިއްޔެ ބުނީ އޭނާގެ ހިދުމަތް އެއްވެސް މީހަކަށް އޮޅިފައި އޮވެގެންނުވާނެ ކަމަށެވެ.
"އަޅުގަނޑު އެކްސްކޯގައި އިންނާތީއޭ ކިޔާފައި ގައުމީ ޓީމުގައި އަޅުގަނޑުގެ ނަން ނުޖަހަން ބުނެފައި އޮތީ. އަޅުގަނޑު ގާތުގައި އެވާހަކަ އަދިވެސް ބުނެފައިނުވޭ. އަޅުގަނޑަށް އެކަން އެނގުނީ މެޗުގައި (ބެންޗުގައި ތިބޭ އޮފިޝަލުން) ލަނީ ކޮންކުލައެއްތޯ އޮޅުން ފިލުވަން ގުޅީމަ،" ޝަކީބު ބުންޏެވެ.
1996 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ހިދުމަތްކުރަމުން އަންނަ ބޭސްވެރިޔާ މިކަމުގައި ތުހުމަތު ކުރަނީ ފަސް މެމްބަރުން އިސްތިއުފާދެއްވުން ރައީސްކަން ވެސް ގެއްލިވަޑައިގަތް ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އަށްވުރެބޮޑަށް އެފްއޭއެމުގެ ސްޓާފަކަށެވެ. ނަމަވެސް ވަކިނަމެއް އޭނާ ނުބުނެ އެވެ.
އިންތިހާބުގެ ކުރިން ފީފާއިން އައްޔަންކޮށްފައި އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަނަކަށް ހުރި ޝަކީބު ބުނީ އެކްސްކޯގައި ހިމެނުނަސް އޭނާ އަށް އެފްއޭއެމުގެ ހިނގަމުންދާ ގޮތުގެ އެއްވެސް މައުލޫމާތެއް ނުދޭ ކަމަށެވެ.
ހިޔާލުތަފާތުވެ ފަސް މެމްބަރުން އިސްތިއުފާދިނުމުން އެފްއޭއެމަށް އާ ރައީސަކީ ހިންގާ ކޮމިޓީއެއް ހޮވަން އާއިންތިހާބެއް ބާއްވަންވަނީ ޖެހިފަ އެވެ.